ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާޒާރުމަތި ސާފުކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

ކަސްޓަމްއިން ބުނީ މިއަދު ކުރިއަށްގެންދިޔަ ބާޒާރުމަތި ސާފު ކުރުމުގެ ހަރަކާތަކީ އެއިދާރާއަށް 125 ވަނަ އަހަރީ މުނާސަބާ ވީހާވެސް ކުލަގަދަގޮތެއްގައި ފާހަގަކުރުމުގެ ގޮތުން މުޅި އަހަރުދުވަހަށް ބަހާލައިގެން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ކަސްޓަމްސްގެ ގިނަ އަދަދެއްގެ މުވައްޒަފުން ނުކުމެ މިއަދު ވަނީ ކަސްޓަމްސް އިމާރާތުން ފެށިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ އިމާރާތާއި ހަމައަށް ފިހާރަތައް ހިމެނޭގޮތަށް ބާޒާރުމަތީ ސަރަހައްދާއި ބޮޑުތަރުކުރުފާނުމަގާއި ހަވީރީ ހިނގުމާއި ކަނޑިދޮންމަނިކު ގޯޅި އާއި އެސަރަހައްދުގައި ހުރި ގޯޅިތައް ސާފުކޮށްފައެވެ. އަދި ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓް ސަރަހައްދު ސާފުކޮށް ކުނިއުކާލާފައި ވެއެވެ.

ކަސްޓަމްސްއަށް 125 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މީގެ ކުރިން ވެސް ވަނީ "ފަން ރަން" އަކާއި އެއާޕޯޓްގައި އާއިލީ ހަވީރެއް ވަނީ ބާއްވާފައެވެ. އަދި އަންނަ ހުކުރު ދުވަހު މާލޭ ހެޑް އޮފީހުގައި "ފެމެލީ ޑޭ" ގެ ނަމުގައި ދުވަހެއް ފާހަގަކުރުމަށް ރޭވިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެ އެވެ.