22 May 2015, 10:59
ރޯދައާއި ކައިރިވަމުން އަންނައިރު އަތޮޅުތެރޭގެ އެކި ރަށްރަށުން ކަރާ ވިއްކުމަށް މާލެ ގެންނަން ފަށައިފި އެވެ.
ދިވެހިންގެ މެދުގައި ރޯދައަށް ހާއްސަ ބުއިމެއް ކަމަށްވާ ކަރާ މީގެ ދެ ދުވަހެއް ކުރިން މާލޭ ބާޒާރަށް ވަނީ ގެންނަން ފަށާފައެވެ. މިވަގުތު ބާޒާރުގައި ގިނައިން ހުރީ އއ. ތޮއްޑޫ އާއި ލ. އަތޮޅުގެ ބައެއް ރަށްރަށުން ގެނެސްފައިވާ ކަރަލެވެ.
ކަރާގެ އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް މިހާރު ބާޒާރުގައި ހުރީ 15 ރުފިޔާ އާއި 18 ރުފިޔާ އާއި ދޭތެރޭ އަގުތަކެއް ގައެވެ.
ލ.ގަން ދަޑުވެރިޔަކު ސަން އަށް ބުނީ ރޯދަޔަށް އެކިއެކި ސާމާނުތައް މިހާރު މާލެ ގެންނަން ފަށާފައިވާ ކަމަށާއި ނަމަވެސް ރޯދައަށް ހާއްސަކޮށްގެން ގިނަ ސާމާނުތައް އަންނަން ފަށާނީ އަދި ރޯދަޔާއި ވަރަށް ގާތްކޮށްލާފައި ކަމަށެވެ.

ރޯދަމަހަކީ ދިވެހި ދަނޑުވެރިކަން ކުރާ ފަރާތްތަކުން ބޮޑު ނަފައެއް ހޯދާ މަހެކެވެ. ހާއްސަކޮށް ކަރާ ހައްދާ ފަރާތްތަކެވެ. ކޮންމެ އަހަރަކު ތޮއްޑޫއިން ގާތްގަނޑަކަށް 5000 އާ ގާތްކުރާ ވަރަށް ކަރާ ނުވަތަ ތިން ޓަނުގެ ކަރާ ބޭރުކުރާ ކަމަށް އެރަށު ކައުންސިލުން މައުލޫމާތުދެ އެވެ.
އަތޮޅު ތެރޭ ދަނޑުވެރިކަން ކުރާ އެކި ރަށްރަށުގައި މިފަހަރު ރޯދަޔަށް ވެސް ކަރަ އާއި ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް ހައްދަމުންދާއިރު ގދ.ވާދޫ އާއި ށ. ފީވަކުގެ ދަނޑުތަކަށް ދިމާވި މައްސަލަތަކެއްގެ ސަބަބުން ދަނޑުވެރިކަމަށް ނޭދެވޭ ބޮޑު އަސަރެއް ވަނީ ކޮށްފަ އެވެ.