ވިލާ އެއާގެ ފްލައިމީގެ ބޯޓެއް އައްޑޫ ސިޓީ ގަން އެއާޕޯޓަށް ޖައްސަނިކޮށް ރަންވޭ މަތިން މިރޭ ކަހާލައިފި އެވެ.

އައްޑޫ ސިޓީން ވާހަކަދެއްކި މީހަކު ބުނީ އެ ހާދިސާ ހިނގާފައި ވަނީ 57 ފަސިންޖަރުންނާއެކު ފްލައިމީގެ ބޯޓު ޖައްސަނިކޮށް މިރޭ 8:20 އެހާކަންހާއިރު ކަމަށެވެ.

އޭނާ ބުނީ އެދިސާ ހިނގަން މެދުވެރިވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަންވޭ މަތީގައި ފެންބޮޑުވެފައި ވަނިކޮށް ބޯޓު ޖެއްސުމުން ކަމަށެވެ.

އެބޯޓަށް ދިމާވީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގޭ ކަމަށާއި އެމައްސަލަ ބަލައިނިމެންދެން ގަންއެއާޕޯޓުގައި އެބޯޓު ޕާކްކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"އެބޯޓު މިހާރު ވަނީ ގަން އެއާޕޯޓުގައި ޕާކްކޮށްފައި. އެއީ ދިމާވި މައްސަލަ ބެލުމަށްޓަކައި. ވިލާއިން ބުނަނީ މައްސަލަ ބަލައި ނިމުނީމައޭ ވެގެންއުޅޭގޮތެއް އެނގޭނީ. މާމިގިލީ އެއާޕޯޓުން ވިލާއެއާގެ ބޯޓެއް މިކޮޅަށް އައިސް މިހާރު ވަނީ އެބޯޓުން ދަތުރުކުރި ފަސިންޖަރުން ގޮވައިގެން ދަތުރު ފުރިހަމަކޮށްފައި،" އޭނާ ބުންޏެވެ.