22 May 2015, 00:58
މިދިޔަ މާޗް މަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން އަދާލަތު ޕާޓީ 33،000 ރުފިޔާ އިން ޖޫރިމަނާކުރި ކުރުމަށް ބަދަލުގެނެވެން ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމް ސަން އަށް ވިދާޅުވީ، ޖޫރިމަނާކުރަން ނިންމި ނިންމުން އަލުން މުރާޖާކޮށްދިނުމަށް އަދާލަތު ޕާޓީން ހުށަހެޅި މައްސަލަ ބެލުމަށްފަހު، އެ ނިންމުމަށް ބަދަލުގެނެވެން ނެތް ކަމަށް ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޮތަށް ނިންމިކަން އަދާލަތު ޕާޓީއަށް ވެސް ލިޔުމުން އަންގާފައިވާނެ ކަމަށެވެ.
އަދާލަތު ޕާޓީއާއެކު އެމްޑީޕީ ވެސް 47،000 ރުފިޔާ އިން ޖޫރިމަނާކުރިއެވެ. އަދި ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެ ދެ ޕާޓީއަށް ވަނީ އަންގާފައެވެ. އެ ދެ ޕާޓީ ޖޫރިމަނާކޮށްފައި ވަނީ މުޒާހަރާތަކުގައި ސިޔާސީ ޕާޓީގެ ގާނޫނާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ޚިލާފަށް، ފުލުހުންނަށް ހަމަލާ ދިނުމާއި، އާންމުންގެ މުދަލަށް ގެއްލުން ދިނުމާއި، އަނިޔާވެރި އަމަލުތަކަށް ގޮވައިލުން ފަދަ އަމަލުތައް ހިންގާފައިވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.