22 May 2015, 00:39
ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމުގެ ފުރުސަތު އެމްޑީޕީން ނުދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، ސަރުކާރުން ކިތަންމެ ހުރަސްތަކެއް ކުރިމަތި ކުރުވިޔަސް ލާމަރުކަޒީ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް އެމްޑީޕީން ފުރުސަތު ނުދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ، ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްދެވޭ ނިޒާމަކީ ލާމަރުކަޒީ ނިޒާމް ކަމަށާއި އެ ނިޒާމް ފުނޑުފުނޑުކޮށްލަން ސަރުކާރުހިންގާ ޕީޕީއެމް އިން ވެސް ބޭނުންނުވާނެ ކަމަށެވެ.
އެމްޑީޕީ އޮތީ ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރަށް ކަމަށާއި މަޝްވަރާގައި އެޕާޓީން ބައިވެރިވާނެ ބޭފުޅުން ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި އިޚްލާސްތެރިކަމާއެކު މަޝްވަރާއަށް ވަޑައިގަތުމަށް ޝަރީފް ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
"ދިވެހި ސަރުކާރަށް އަޅުގަނޑު ދަންނަވާލަން އޮތީ ތިބޭފުޅުން މިގައުމުގެ މަސްލަހަތު ކުރިއަށް ނެރުއްވާށޭ. ތިބޭފުޅުން އަޅުގަނޑުމެންނާއެކު މަޝްވަރާ ކުރައްވަނީ ކަމަށް ވިއްޔާ އިޚްލާސްތެރިކަމާ އެކީ މަޝްވަރާއަށް ވަޑައިގަންނަވާށޭ. އަޅުގަނޑުމެން މިތިބީ މަޝްވަރާ ކުރަން ތައްޔާރަށޭ. އަޅުގަނޑުމެން މަޝްވަރާ ކުރަން ދާނެ މީހުން ވަރަށް އަވަހަށް އިއުލާން ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.