28 Feb 2011, 01:04
ކައުންސިލްގެ ޕްރޮގްރާމްތައް ހިންގެވުމުގައި ސިޔާސީ ޕާޓީތަކުގެ ވިސްނުން އަޑުއެއްސެވުމަށް، މާލެ ސިޓީގެ ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.
މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރުންނާ މިއަދު ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވިދާޅުވީ، މަޝްވަރާގެ އުސޫލުން ކަންކަން ނިންމެވުމަށް ކައުންސިލަރުން އިސްކަމެއް ދެއްވަންވާނެ ކަމަށެވެ. އަދި މި ދުވަސްވަރަކީ، ރާއްޖޭ ވެރިކަމާއި ރަށްވެހި ކަމުގެ ތާރީޚުގައި ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަމަށް ވިދާޅުވެ، ކޮންމެ ކައުންސިލަރަކުވެސް އެބޭފުޅެއްގެ ޒިންމާ އަދާކުރެއްވުމުގައި، އަމިއްލަ މަސްލަޙަތަށް ވުރެ، ގައުމާއި، ރައްޔިތުންނާއި، ޕާޓީތަކުގެ މަޞްލަހަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އަދި ސިޔާސީ ޕާޓީތަކުގެ ވިސްނުމަކީ، ރައްޔިތުންގެ ވިސްނުންކަމަށްވާތީ، ކައުންސިލްގެ ޕްރޮގްރާމްތައް ހިންގެވުމުގައި ސިޔާސީ ޕާޓީތަކުގެ ވިސްނުން އަޑުއެއްސެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި ކަމަށް އެ އޮފީހުން ބުނެ އެވެ.
މީގެ އިތުރުން، ކައުންސިލުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ހިންގުމުގައިވެސް، އެކަމަކާގުޅޭ ހުރިހާ ލިޔެކިޔުމަކާއި، އިޖްރާއީ ކަންކަން ފުރިހަމަކޮށްފައި ބެހެއްޓުމަށްވެސް ވެސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ ދައުރަކީ، ސަރުކާރުގެ ޕްރޮގްރާމްތައް ތަންޒީފު ކުރުން ކަމަށާއި ކައުންސިލްތައް މެދުވެރިކޮށް ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށް ސަރުކާރުން އަމާޒުކުރާ ކަމަށެވެ. އަދި މާލެއަކީ ރާއްޖޭގެ އެންމެ މީހުން ގިނަ ސަރަޙައްދު ކަމަށްވާތީ، އެންމެ ގިނަ ޕްރޮގްރާމްތައް ހިނގާނެ އެއްތަނަކީ، މާލޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުކުރެއްވުމުގައި، މާލޭ ސިޓީ ކައުންސިލްގެ މެންބަރުގެ ފަރާތްޕުޅުން، މާލޭ ސިޓީގެ މޭޔަރ ސަރަނގު އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މިހާރުގެ ސިޔާސަތަށް، ޚާއްސަގޮތެއްގައި ސަރުކާރުގެ މެނިފެސްޓޯއަށް، ހުރިހާ ކައުންސިލަރުންވެސް ތާއީދު ކުރައްވާ ކަމަށާއި، ކައުންސިލުން އިސްކަން ދެއްވާނީ މަޝްވަރާގެ އުޞޫލުން ކަންކަން ނިންމެވުމަށް ކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.