ރ. އަލިފުށީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި ރޯވެ އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފި އެވެ.

އަލިފުށީ ކައުންސިލްގެ މެމްބަރު އަލީ އަޒުމީން މިރޭ "ސަން" އަށް ވިދާޅުވީ، އަލިފާން ރޯވާން ދިމާވި ސަބަބެއް ސީދާ ދަންނަވަން ދަތި ކަމަށެވެ. އޭނާ ވިދާޅުވީ، މިރޭ 7:00 ކަންހާއިރު އެ ސަރަހައްދުގައި ހުރި މީހަކު ފޯނުން ގުޅުމަށްފަހު އަލިފުށީގައި ހުންނަ ރީޖަނަލް ވޮކޭޝަނަލް ޓްރެއިނިން ސެންޓަރުގައި (އާރުވީޓީސީ)ގައި ހުރި ކަރަންޓު ފޮށްޓެއްގައި ރޯވެގެން އުޅޭ ކަމަށް ބުނި ކަމަށެވެ.

"އަޅުގަނޑަށް ފޯނު ކުރި މީހާ ކައިރީ ސުވާލު ކުރުމުން ބުނީ އެސަރަހައްދުގައި ހުރި ބަންގުލަދޭޝްގެ ރައްޔިތަކު، ރޯވެގެން ހަޅޭއްލެވި އަޑަށޭ ތިމަންނަ މެން ދިޔައީ. ތިމަންނަމެން ދިޔައިރު ހުރީ އެ ފޮށީގައި އެއްކޮށް ރޯވެފައޭ." އަޒުމީނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާ ފުލުހުން ތަހުގީގު ކުރަމުންދާތީ އެއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށް ދަންނަވަން އަދި ދަތި ކަމަށެވެ.

އަލިފުށީ ކަރަންޓު ޑިސްޓްރިބިއުޝަން ފޮށްޓެއްގައި މިރޭ ރޯވި އިރު ރޭގެ ވަގުތެއްގައި ވަނީ އަލިފުށީގައި އޮޑިދޯނީގެ މަސައްކަތް ކުރާ އަމިއްލަ މީހެއްގެ ގުދަނެއްގައި ރޯވެ އެއްކޮށް އަނދައި ހުލިވެފައެވެ.