އިންޑިއާގެ މަޝްހޫރު ވިޔަފާރި ކުންފުނި ޖީއެމްއާރަށް ދިއްލީ އެއާޕޯޓް އެޅުމަށް ބިން ދިނުމުގައި އެކަށީގެންނުވާ ކަންތައްތަކެއް ހިނގާފައިވާކަމަށް ބުނެ އެ މައްސަލަ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން ބަލަންފަށައިފިއެވެ.

ހަފިންގްޓަން ޕޯސްޓްގައި ބުނެފައި ވަނީ ސީބީއައި އިން ސިވިލް އޭވިއޭޝަން މިނިސްޓްރީ އާއި އެއާޕޯޓް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އާއި ދިއްލީ އިންޓަނޭޝަނަލް އެއާޕޯޓް (ޑީއައިއޭއެލް) އަދި ޖީއެމްއާރާގެ އޮފިޝަލުން ތަކަކާއި ދެކޮޅަށް ތަހުގީގު ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ ކޮން އޮފިޝަލުންނެއް ކަމެއް ސީބީއައި އިން ހާމައެއް ނުކުރެއެވެ.

މި ތަހުގީގުގައި ބަލަމުންދަނީ އެއާޕޯޓް އޮތޯރިޓީން 200 އޭކަރު ބިން ޖީއެމްއާރަށް ކުއްޔަށް ދިނުމުގައި އަމަލުކޮށްފާވަނީ އިންޑިއާގެ އެއާޕޯޓް އޮތޯރިޓީއަށް މާލީ ގެއްލުންވާގޮތަށްކަމަށްވާތީ މިކަންބެލުމަށެވެ. ހަފިންގްޓަން ޕޯސްޓުން މިކަމާއި ގުޅޭގޮތުން ޖީއެމްއާރުގެ ސްޕޯކްސްޕާސަން އާއި ސުވާލުކުރުމުން ބުނީ އެކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ޖީއެމްއާރަށް ބިން ކުއްޔަށް ދިނުމާއި ގުޅޭގޮތުން ހިންގާފައިވާ ބައެއް މުއާމަލާތްތަކުގެ ލިޔެކިޔުން ވީތަނެއް ނޭނގޭ ކަމަށް ވެސް އިންޑީއާގެ އޮޑިޓް އޮފީހުން ބުނެއެވެ.

ޖީއެމްއާރާއި އިންޑިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެއާޕޯޓް ތަރައްގީ ކުރަން ދީފައިވާ ބިމުގެ 5 ޕަސެންޓް ކޮމާޝަލް ބޭނުންތަކަށް ބޭނުންކުރެވިދާނެއެވެ. އެހެންކަމުން މި 200 އޭކަރު ނުއަގުގައި ދިނުމުގެ އިތުރުން މި ބިން ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ހޯދިދާނެ ކަމަށް ވެސް އިންޑިއާގެ އޮޑިޓް އޮފީހުން ބުނެއެވެ. އެހެންނަމަވެސް އޭވިއޭޝަން މިނިސްޓްރީން ބުނެފައިވަނީ އެ ބިން ބޭނުންކުރެވޭނީ އެއާޕޯޓްގެ ބޭނުމަށް ކަމަށާއި އެތަނުން އިތުރު ނަފާ އެއް ނުހޯދޭނެ ކަމަށެވެ. އެހެންނަމަވެސް އޮޑިޓް އޮފީހުން ބުނެފައި ވަނީ ސަރުކާރުން އަމިއްލައަށް ދައްކާ ކުއްޔަށް ވުރެ ވެސް ކުޑަ ކުއްޔެއްގައި އެތަން ޖީއެމްއާރަށް ދިނުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.