21 May 2015, 19:51
މިމަހުގެ އެއްވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ހޯދަމުންދިޔަ ސ. ހުޅުދޫ، އިރުވައި، އަހްމަދު އުނައިސް، 32، ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިއަދު 3:30 ގައި ކ. ހިންމަފުށިން ކަމަށެވެ.
އުނައިސް ހައްޔަރުކުރުމާ އެކު ފުލުސް މީހާއަށް ހަމަލާދިން މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުންގެ އަދަދު 15 އަށް ވަނީ އަރާފައެވެ.
އޭނާގެ އިތުރުން އެމައްސަލައިގައި އިތުރު ދެ މީހަކު ހޯދަން ފުލުހުން ވަނީ އިއުލާންކޮށްފައެވެ. އެ ދެ މީހުންނަކީ ގ. ލަންކާ، އަބްދުﷲ މުފީދު، 36، އާއި މ. ކުޑަވެޔޮމަތީގޭ، އަހްމަދު މިއުދާން ހަމީދު، 25، އެވެ.
އެމީހުން އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް ގޮތަކުން އެމީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.