ގެސްޓުހައުސްތަކުގައި ބަހައްޓައިގެން މަސްތުވާތަކެތި ވިއްކުން އިތުރުވެފައިވާތީ، ގެސްޓުހައުސްތަކުން ކުއްޔަށް ކޮޓަރި ހިފާ ފަރާތްތަކުން އެތަންތަނުގައި ކުރަނީ ކޮންކަމެއްތޯ ބެލޭނެ އިންތިޒާމް ހަމަޖެއްސުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، ގެސްޓުހައުސްތަކުގައި މީހުން ތިބުމަށް ފުރުސަތުދޭއިރު އެމީހުން އެތަނުގައި ތިބެނީ ކީއްކުރަންތޯ އާއި އެމީހުން ކޮޓަރީގައި ގެންގުޅެނީ ކޯއްޗެއްތޯ ބަލަންޖެހޭ ކަމަށެވެ.

"ޚާއްސަކޮށް ގެސްޓުހައުސް ހިންގާ ފަރާތްތަކަށް އިރުޝާދުދީ ނަސޭހަތްތެރިވަން އެމީހުންނަކީ ކޮންބައެއްތޯ ބަލައި ކީއްކުރަން އަންނަބައެއްކަން ވެސް ރަނގަޅަށް އެނގިގެން އެމީސް މީހުން އެތަންތަނުގައި ބެހެއްޓުމަށް،" ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެހެން މީހެއްގެ އައިޑީކާޑު ދީގެންނާއި އެމީހާގެ ނުބައި މައުލޫމާތު ގެސްޓުހައުސްތަކަށް ދީގެން އެތަންތަނުން ކުއްޔަށް ކޮޓަރި ހިފައިގެން އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެކި އޮޕަރޭޝަންތަކަށް ބަލާއިރު އެފަދަ އަމަލުތައް ހިންގަނީ މަސްތުވާތަކެތީގެ އެކި މުއާމަލާތްތައް ކުރުމަށް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި ފުލުހުން ކުރިއަށްގެންދިޔަ ޑްރަގް އޮޕަރޭޝަންތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޝިފާން ވިދާޅުވީ، ރޭ 9:00 ގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި އެއްކިލޯގެ މަސްތުވާތަކެއްޗާ އެކު ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ރޭ އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ/ ޕޮލިސް

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 22 އަހަރުގެ މީހެއް ކަމަށާއި އެ ދެ މީހުންނަކީ އެކިފަހަރުމަތިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައިވާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމީހުންގެ އަތުން ފެނުނު މަސްތުވާތަކެތީގެ މަގުމަތީއަގު 1.5 މިލިއަން ރުފިޔާއަށް އަރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، މިމަހުގެ ހަތް ވަނަ ދުވަހު މާފަންނު ގެސްޓުހައުސްއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު 25 އަހަރުގެ އަންހެނަކާއި 27 އަހަރު ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެމީހުން ތިބި ކޮޓަރިން 20 ބްލެޓާއި 100 ގްރާމް ހެރޮއިން ފެނިފައިވާ ކަމަށާއި އެއީ ރާއްޖެ އެތެރެކޮށް ވިއްކުމުގެ މަރުހަލާގައިވާ ތަކެތި ކަމަށް އޭނާ ވިދާޅުވި އެވެ.

އެތަކެތީގެ މަގުމަތީއަގު 150،000 ރުފިޔާއަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމަހުގެ 18 ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ވެސް 100 ގްރާމް ހެރޮއިން އަދި ޖޫސްޕެޓީ ކޮތަޅުގެ ހެރޮއިނާއެކު ހަތަރު ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންނަކީ މަސްތުވާތަކެތި ވިއްކުމުގެ ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ޝިފާން ވިދާޅުވި އެވެ.