21 May 2015, 20:06
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ދެ އޮޕަރޭޝަން ތިއޭޓަރު ހެދުމާއި ދެ ރަށެއްގެ ހޮސްޕިޓަލު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަރާމާތް ކުރުމަށް ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައި ވަނީ މ. މަޑުއްވަރީ ސިއްހީ މަރުކަޒާއި ބ. އޭދަފުށީ އަތޮޅު ހޮސްޕިޓަލުގެ މަސައްކަތެވެ.
މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެ މަސައްކަތްތައް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ.
މަޑުއްވަރީގެ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ހަވާލުކޮށްފައިވަނީ ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއެވެ. އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖަރު އަހުމަދު ރަޝީދެވެ.
އޭދަފުށީ އަތޮޅު ހޮސްޕިޓަލު މަރާމާތު ކުރުމަށް ހަވާއުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑް އާ ހަވާލު ކޮށްފައިވާއިރު އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު ހަސަން ވަހީދެވެ. އަދި ކުޅުދުއްފުށީ ހޮސްޕިޓަލުގައި އޮޕަރޭޝަން ތިއޭޓަރު ހެދުމަށް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މެނޭޖަރު ޔޫނުސް އިބްރާހިމް އެވެ.
މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި ހަދާ ދެ އޮޕަރޭޝަންް ތިއޭޓަރުގެ ސަބަބުން އެ ހޮސްޕިޓަލުން ދެވޭ ހިދުމަތްތައް ރަނގަޅު ކުރެވި އިތުރަށް ފުޅާ ވެގެން ދާނެ ކަމަށެވެ. އެ މަސައްކަތައް 4.97 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އިރުތިޝަމް ވިދާޅުވިއެވެ. އޮޕަރޭޝަން ތިއޭޓަރު ހެދުމުގެ މަސައްކަތް، 125 ދުވަސްތެރޭ ނިމޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދެރަށުގެ ހޮސްޕިޓަލް މަރާމާތު ކުރުމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިރުތިޝަމް ވިދާޅުވީ އެ ދެރަށުގެ މަސައްކަތަށް ޖުމުލަ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. މަރާމަތުކުރުމުގައި ކުރާ މަސައްކަތްތަކުގެ ތެރެއިން ފާހާނާ މަރާމާތު ކުރުމާއި ދޮރުތަކާއި ކަރަންޓު ވަޔަރިން ރަނގަޅު ކުރުން ހިމެނެއެވެ.