21 May 2015, 16:19
ދިމިޝްގު (މޭ 21) : ސީރިޔާގެ އެންމެ އާޘާރީ އަދި ތާރީޚީ ރަށްކަމަށްވާ ތަދްމުރު (ޕަލްމީރާ) އައިއެސް ޖަމާއަތުގެ އަތްދަށަށް ދިޔުމާ އެކު އެރަށުގެ އާޘާރީ ތަރިކަ ލޫޓުވާލަފާނެ ކަމުގެ ބިރުހީވެއްޖެ އެވެ.
ސީރިޔާއިން ލިބޭ ޚަބަރުތައް ބުނާގޮތުން މި ތާރީޚީ ރަށް އައިއެސްގެ ދަށަށްދިޔައީ އެރަށުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދިޔަ ސޫރިޔާ ސިފައިން އެރަށުން ފޭބުމުންނެވެ. އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ އާދަޔާ ޚިލާފަށް ނުރައްކާތެރި އަދި ހައްދުފަހަނަޅާފައިވާ ޖަމާއަތެއްކަމަށްވާ އައިއެސްގެ ކޮންޓްރޯލްގެ ދަށަށް ތަދްމުރު ދިޔުމާއެކު ތައްލީމާއި ސަގާފަތާ އަދި ސައެންސާބެހޭ އދ. ގެ ޖަމްއިއްޔާ ޔުނެސްކޯއިންވެސްވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ.
އައިއެސް އަކީ އިންސާނީ ޙަޟާރަތާ އަދި ތަރައްގީއާއި ތަހުޒީބާ ދުޝްމަންވުމުގެ އިތުރުން ކުރީ ޒަމާނުގެ ތާރީޚީ އަދި ޙަޟާރީ ތަރިކަތައް މުޅިން ހަލާކުކޮށް އެފަދަތަންތަން މުގުރައި ސުންނާފަތި ކުރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ޖަމާއަތަކަށްވާތީ ޔުނެސްކޯގެ އިތުރުން މުޅި ބައިނަލްއަގްވާމީ މުޖްތަމައު ވެސް ވަނީ މިމައްސަލާގައި ކަންބޮޑުވެފަ އެވެ.
ބަދަލު ހިފުމުގެ ވަރުގަދަ ރޫހެއްގައި އިސްލާމްދީން ހަތިޔާރަކަށް ބޭނުންކުރާ އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށުގައި ޖެހުނު އިރާގުގެ އާސާރީ ތަންތަނާއި ތާރީޚީ ތަރިކަތައް ވެސް ވަނީ މުޅިން ކަހަލަ ގޮތަކަށް ތަޅައި ސުންނާފަތިކޮށްލާފަ އެވެ. މިގޮތުން އިރާގުގައި ހުރި ނަމްރޫދު ޒަމާނުގެ އާސާރީ ތަކެތިވެސް އައިއެސްގެ ހަނގުރާމަވެރިން ވަނީ ގަސްދުގައި ތަޅައި ހަލާކުކޮށް ސުންނާފަތިކޮށްލާފަ އެވެ.
ސޫރިޔާގެ ތަދްމުރަކީ ސަލާމް ލެއްވި އީސާގެފާނު އުފަންވެ ވަޑައިގަތުމުގެ ދެ ހާސް އަހަރުގެ ކުރިން އިންސާނީ ވަރަށް ބޮޑު ޙަޟާރަތެއް ގާއިމްވެގެންދިޔަ ރަށެކެވެ. އެޙަޟާރަތުގެ އަސަރުތައް ދައްކައިދޭ އާސާރީ އެތަށް ބިނާތަކެއް ތަދްމުރުގައި މިހާރުވެސް އެބަހުއްޓެވެ. މިއާއެކު ޔުނެސްކޯއިން އާޘާރީ ލިސްޓުގައި ތަދްމުރު ސިފަކޮށްފައިވަނީ ދުނިޔޭގެ އެންމެ މުހިއްމު އާސާރީ އެއް ތަރިކައިގެ ގޮތުގަ އެވެ. އައިއެސް އިން ތަދްމުރުގެ އާސާރީ ތަންތަން ހަލާކުކޮށްލައިފި ނަމަ ދުނިޔެއަށް ގެއްލިގެން އެދިޔައީ ދެން ދުވަހަކުވެސް އަނބުރައި ނުލިބޭނެ އަގުބޮޑު އިންސާނީ ތަރިކައެއް ކަމަށް ޔުނެސްކޯއިން ބުނެ އެވެ.
ތަދްމުރު އައިއެސްގެ ހަނގުރާމަވެރިން ގެ އަތްދަށަށްދިޔަކަން ސީރިޔަން އޮބަޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް ޖަމާއަތުންވެސްވަނީ ކަށަވަރުކޮށްދީފަ އެވެ. އެޖަމާއަތުން ބުނީ ތަދްމުރުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދިޔަ ސީރިޔާ ސިފައިން އެރަށުން ފޭބުމާއެކު އެރަށް އައިއެސްގެ އަތްދަށަށް ހިނގައްޖެ ކަމުގަ އެވެ. މިއާއެކު އެރަށުގެ އާންމުންނާ ދެކޮޅަށް އައިއެސް ހިންގަފާނެ އަނިޔާވެރި އަމަލުތަކެއްގެ ބިރަށް އެރަށުގެ އާންމުންވެސް ގެދޮރު ދޫކޮށް އެރަށުން ފައިބަމުންދާކަމަށް ޚަބަރުލިބެ އެވެ.
ސީރިޔާގެ ރަސްމީ ޓީވީންވަނީ ތަދްމުރުގެ ދިފާއުގައި ހަނގުރާމަ ކުރަމުން ގެންދިޔަ ސީރިޔާ ސިފައިން އައިއެސްގެ ޙަމަލާތަކުގެ ސަބަބުން އެރަށުން ފޭބިކަމަށް ބުނެފައެވެ. ނަމަވެސް އައިއެސްއިން ތަދްމުރު ހިފިވާހަކަ ސީރިޔާގެ ރަސްމީ ޓީވީން ބުނެފައެއްނުވެއެވެ. އައިއެސްއަކީ އެޖަމާއަތުން ހައްޔަރުކުރާ އެއްބައި އަސީރުން ދިރިތިއްބައި އަލިފާނުން އަންދައި އަނެއްބައި އަސޫރުންގެ ބޯބުރިކޮށް ގަތްލުކުރަމުން ގެންދާ ހައްދުފަހަނަޅާފައިވާ ޖަމާއަތެކެވެ.
މުސްލިމުންގެ ނަން ހުތުރު ކުރުމަށްޓަކައި އެޖަމާއަށް ސިއްރިޔާތުގައި ވާގިވެރިވާ ކަމުގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވެއެވެ. އިސްލާމީ ދަންނަބޭކަލުންވަނީ އައިއެސްއަކީ މާތްވެގެންދާ އިސްލާމް ދީނާ ދުރުންވެސް އަދި ގާތުންވެސް އެއްވެސް ގުޅުމެއްނެތް ބައެއްކަމަށް ފަތްވާ ދެއްވާފައެވެ. (ނޫސްއެޖެންސީތައް)