ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާގެ ފުރަތަމަ އަޑުއެހުމަށް އެމަނިކުފާނު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގައި ގާނޫނާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާކަން ތަހުގީގުން އެނގެން ނެތް ކަމަށް ޕޮލިސް އިންޓެގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ބުނެފި އެވެ.

ރައީސް ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ތަހުގީގު ނިންމައި ޕީއައިސީން ފޮނުވި ލިޔުމުގައި ވަނީ ކޯޓަށް ވަދެވަޑައިގަތުމަށް ތަކުރާރުކޮށް ފުލުހުން އެދުމުން ވެސް އެމަނިކުފާނު ކޯޓަށް ވަދެވަޑައިނުގަތުމަށް ގަދަހަދާފައިވާކަން ތަހުގީގަށް ބަޔާންދިން ފުލުހުންގެ ހެކިބަހުން އެނގޭ ކަމަށެވެ.

އެ ލިޔުމުގައި ވަނީ ކޯޓުން އަންގާފައިވާ ގަޑިއަށް ރައީސް ނަޝީދު ކޯޓަށް ވައްދަން ފުލުހުން ބާރުގެ ބޭނުންކޮށްފައި ވަނީ ހާލަތާ އެކަށީގެންވާ ވަރަށްކަން ފުލުހުން ތަހުގީގަށް ދީފައިވާ ބަޔާންތަކުންނާއި ވީޑިއޯ ފްޓޭޖުތަކުން އެނގޭ ކަމަށެވެ.

ޕީއައިސީން މިގޮތަށް ނިންމި ނަމަވެސް ހިއުމަންރައިޓްސް ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރުމުގައި ފުލުހުން އަމަލުކޮށްފައި ވަނީ ރަހުމް ކުޑަގޮތަކަށް ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.