މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއާޒް ކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ، ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ބޮޑުގޭ ފާރޫޤް މުޙަންމަދު ޙަސަނާއި، މާފަންނު ވެލިދޫގެ މުޙަންމަދު ނައީމް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެބޭފުޅުންގެ ތެރެއިން، ފާރޫޤް މުޙަންމަދު ޙަސަން މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު ޕްރޮވިންސްގެ މަގާމުގައެވެ. މުޙަންމަދު ނައީމް މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ސްޓޭޓް، މެދު އުތުރު ޕްރޮވިންސްގެ މަގާމުގަ އެވެ.

މީގެ އިތުރުން، މިނިސްޓަރ އޮފް ސްޓޭޓް، މެދު އުތުރު ޕްރޮވިންސް ކަމަށް ގަލޮޅު ހިލިހިލާގޭ ޙުސައިން އިރުފާން ޒަކީ، ރައީސުލްޖުމްހޫރިއްޔާ މިއަދު ޢައްޔަން ކުރައްވައިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ. ޙުސައިން އިރުފާން ޒަކީ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތް އެންޑް ސްޕޯޓްސްގެ ނައިބުގެ މަގާމުގައެވެ.