21 May 2015, 16:09
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ އުލްފާމަންޒިލް މުހައްމަދު ނަސީމްގެ ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއަދު 11:00 އަށް ބާއްވަން ތާވަލް ކުރި ޝަރީއަތުގެ މަޖިލީސް ކެންސަލްކޮށްފައި ވަނީ ނަސީމުގެ ގާނޫނީ ވަކީލު އެހެން ކޯޓަކަށް ދާންޖެހުމުން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
އެ މައްސަލައިގެ ޝަރީއަތް ފަށާފައި ވަނީ އަލްހާނަށް ހަމަލާދިންތާ އެއްހަރު ފަހުންނެވެ.
އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދީފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ރޭ، އާޓިފިޝަލް ބީޗުގައި ހުންނަ ބްރޭކްވޯޓާ ރެސްޓޯ ތެރޭގައި އިންނަވަނިކޮށެވެ.
އެ މައްސަލައާ ގުޅިގެން ޏ. ފުވައްމުލައް ދަނޑިމަގު ޝައިނީ މުހައްމަދު ސަމީހުގެ މައްސަލަ ވެސް ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފަ އެވެ. އެހެންނަމަވެސް އޭނައާ ދެކޮޅަށް ތަހުގީގަށް ބަޔާންދީފައިތިބި މީހުން ހެކިބަސްދޭން ފަސްޖެހުމުން އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.
ދާދިފަހުން މަރުގެ އެހެން މައްސަލައެއްގައި ސަމީހު ހައްޔަރުކޮށް އޭނާގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.
ތޫނުއެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އަލްހާނަށް ލިބުނު ސީރިއަސް އަނިޔާތަކަށް ރާއްޖެ އިން ބޭރުން ފަރުވާ ހޯދަވާފައިވާ އިރު، ކުރީގެ ހާލަތަށް އޭނާ އަދިވެސް ރުޖޫއަވެފައެއް ނުވެ އެވެ.