21 May 2015, 15:27
އެމްޑީޕީގެ އިސް ދެ އެކްޓިވިސްޓެއްގެ މައްޗަށް ކުރި ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ މއ. ކުޑަދުންމާރިގޭ މުހައްމަދު ސޮދުރީ (ދުންމާރި ނާޒިމް) އާއި ގ. ހެޕީސައިޑު ހުސައިން އިލްހާމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމްގައި ވަނީ 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 1:07 އެހާކަންހާ އިރު އިތުރު ބަޔަކާ އެކު އެ ދެ މީހުން މަޓީ ބިލްޑިންގްގައި ހުންނަ ސިވިލްސާވިސް ބިއުރޯ ހިންގާ އޮފީސް ތެރެއަށް ވަދެ އަޑުގަދަކޮށް ހަޑިހުތުރުބަހުން ވާހަކަ ދެއްކި ކަމަށް ދައުވާގައި ބުނެފައިވީ ނަމަވެސް، އެމީހުން ދެއްކީ ކޮން ވާހާކައެއްކަން ހެކީންގެ ހެކިބަހުން އެނގެން ނެތް ކަމަށެވެ.
އެވަގުތު އެމީހުން އެތަނަށް ވަދެފައި ވަނީ ގަވާއިދާ ޚިލާފަށްތޯ ބެލި އިރު، އެތަނަކީ ކޮންމެ ބަޔަކަށް ވެސް ވަދެވޭގޮތަށް ހުރި ތަނެއް ކަމަށް އެ ހުކުމްގައިވެ އެވެ. އަދި އެވަގުތަކީ މުވައްޒަފުންގެ ބްރޭކް ގަޑިކަމުގައިވާ އިރު، ދައުވާގައި ބުނާފަދައިން ދައުލަތުގެ މުވައްޒަފެއްގެ ވާޖިބަށް އެ ދެ މީހުން ހުރަސްއެޅިކަން ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.