ކުދި ވިޔަފާރިތަކުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް ތައްޔރުކުރުމުގައި އެހީތެރިވުމަށް މީރާގެ ޓީމްތައް ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިކަން ކުރާ ރަށްރަށް ދަތުރުކުރުމަށް ހަމަޖެހިފާވާ ކަމަށް މީރާ އިން ބުނެފި އެވެ.

އެ ދަތުރުގައި 2014 ވަނަ އަހަރުގެ ވިޔަފާރީގެ ފައިދާ އިން ނެގޭ ޓެކްސް ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މީރާ އިން ބުނެ އެވެ.

އެ ދަތުރުތައް ކުރަންހެމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ޖޫން މަހުގެ 25 އަށެވެ.

"މީރާގެ އޮންލައިން ސިސްޓަމް 'މީރާކަނެކްޓް' އަށް ރަޖިސްޓްރީކޮށް، މީރާ ކަނެކްޓް މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދެއްކުމުގައި ވެސް މީރާގެ ޓީމްތަކުން އެހީތެރިވެދޭނެ،" މީރާ އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

މާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރިކުރައްވާ ފަރާތްތަކުގެ ތެރެއިން 2014 ވަނަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން 1415 އަށް ގުޅާ ނަން ނޯޓުކުރެއްވުމަށް މީރާއިން އެދެ އެވެ. ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް މީރާއަށް ހުށަހަޅަން ޖެހޭ ސުންގަޑިއަކީ 30 ޖޫން 2015 އެވެ.