މަޝްހޫރު ދިނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މުސާ މެންކްގެ ދަރުސް އަވަސްކޮށްފި އެވެ.

މުފްތީ މެންކްގެ ދަރުސް ކުރިން ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރޭ އަލިމަސްކާނިވަލްގަ އެވެ. ނަމަވެސް މިހާރު އެ ދަރުސް އޮންނާނީ އަންނަ މަހު 11ގައި ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ދަރުސް އަވަސްކުރީ މުފްތީގެ ޝެޑިއުލަށް އައިސްފައިވާ ބަދަލެއްގެ ސަބަބުން ކަމަށެވެ. އެގޮތުން ކުރިން ދަރުސް ބޭއްވުމަށް ހަހަމަޖެހިފައިވާ ރޭ އޭނާ ރާއްޖެ އިން ފުރާވަޑައިގެންނަވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

ދުނިޔޭގެ ތަފާތު ގައުމުތަކުގައި ފަތުވާ ދެއްވުމުގައި މަޝްހޫރު ކަމެއް ހޯއްދަވާފައިވާ މުފްތީ ވަނީ މީގެ ކުރިން ވެސް ރާއްޖޭގައި ފަތުވާ ދެއްވައި ގިނަ ބައެއްގެ ލޯބި ހޯއްދަވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީ އިން މިހާރު ކުރިއަށްގެންދާ "ދަ މެސެޖް ޕްރޮގްރާމް"ގެ ދަށުން މުފްތީގެ އިތުރުން އަންނަ ރަމަޟާން މަހު ސްރީލަންކާގެ މަޝްހޫރު އިލްމުވެރިއެއް ކަމުގައިވާ މުއިއްޒު ބުހާރީ ރާއްޖެ ގެނައުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.