ރާއްޖެ އައިސްގެން އުޅޭ ސިންގަޕޫރުގެ އެންގްލޯ- ޗައިނީޒް ސްކޫލްގެ ދަރިވަރުނަށް ރާއްޖޭގެ ތިމާވެއްޓާ ބެހޭ މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި އެވެ.

އެންވައިރަމަންޓް މިނިސްޓްރީ އާއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މިއަދު އެ މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމަކީ "ވިންޑޯ އޮން ވޯލްޑް"ގެ ނަމުގައި އެންގްލޯ-ޗައިނީޒް ސްކޫލްގެ ދަރިވަރުން ރާއްޖެ އަށް ކުރާ ކޮމިއުނިޓީ ސާވިސް ޓުއާގައި ރާއްޖޭގެ ތިމާވެށީގެ ހާލަތާ ބެހޭ މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމެވެ.

އެންވައިރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އާބާދީ މަދުވެ އޭގެ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރުހީވެފައިވާ ދިރުންތައް ރައްކާތެރިކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ.

އެންވައިރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

މީގެ އިތުރުން ކޮންމެ ކުއްޖަކީ ވެސް ފަރުދީގޮތުން ތިމާވެއްޓާއި ރަހުމަތްތެރި އަމަލުތައް އިހުތިޔާރުކޮށް ތިމާވެށި ހިމާޔަތްކުރާ ބަޔަކަށް އަބަދުވެސް ވުމަށް މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

އެންވައިރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ އަލީ ނަސީރު

މިއަދުގެ އެ ބައްދަލުވުމުގައި ދިރޭތަކެތީގެ ނަސްލުގެ މުހިއްމުކަމާއި ހިމާޔަތްކުރެވިފައިވާ ދިރޭތަކެއްޗާއި ރާއްޖޭގެ ފެނުގެ ވަސީލަތްތަކާއި އަދި ދެމެހެއްޓެނިވި ގޮތުގައި މަސްވެރިކަން ކުރުމާ ބެހޭ ގޮތުން އެންވަޔަރަންމަންޓަލް ޕްރޮޓޭކްޝަން އޭޖެންސީ (އީޕީއޭ) އަދި ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒިފުން ވަނީ މައުލޫމާތުދީފަ އެވެ. އަދި އިއާދަ ކުރަނިވި ހަކަތައިގެ މަސައްކަތް ރާއްޖޭގައި ކުރިއަށް ގެންދާ ގޮތުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފަ އެވެ.