21 May 2015, 14:17
މައްސަލަތަކަށް ހައްލެއް ހޯދަން އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރުމުގެ ކުރިން އެފަދަ މާހައުލެއް ސަރުކާރުން ގާއިމު ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.
އިބޫ މިއަދު 'ސަން' އަށް ވިދާޅުވީ މައްސަލަތަކަށް ހައްލެއް ހޯދަން އެމްޑީޕީ އަބަދު ވެސް އޮތީ ތައްޔާރަށް ކަމަށާއި ރައީސް ޔާމީން ވިދާޅުވާ ގޮތަށް "އީޖާބީ ގޮތެއްގައި" މަޝްވަރާތައް ކުރިއަށް ގެންދަވައިފި ނަމަ އެކަންކަމުން ނަތީޖާ ނެރެވޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ.
"މަޝްވަރާކުރުމަށް ޓަކައި އެފަަދަ މާހައުލެއް އެބަ ޖެހޭ އުފައްދަން، އެހެންވެ މަޝްވަރާ ކުރުމުގެ ކުރިން އެފަދަ މާހައުލެއް އުފައްދަންޖެހޭ،" އިބޫ ވިދާޅުވި އެވެ.
ސަރުކާރާ އެކު މަޝްވަރާތަކުގައި ބައިވެރިވާން އަދާލަތު ޕާޓީ އާއި ޖޭޕީން ވަނީ މަންދޫބުން ކަނޑައަޅައި އެކަން އިޢުލާންކޮށްފަ އެވެ. އެހެންނަމަވެސް އެމްޑީޕީ އިން އަދި ވަކި މަންދޫބެއް ކަނޑައަޅާފައެއް ނުވެ އެވެ.
އިބޫ ވިދާޅުވީ މަޝްވަރާ ކުރުމަށް ސަރުކާރުން ގޮވާލި ގޮވާލުމުގެ ޖަވާބު ސިޓީއަކުން އާދީއްތަ ދުވަހު ފޮނުވާނެ ކަމަށެވެ. އަދި އެ ސިޓީގައި އެމްޑީޕީ އިން އެކަމާ ދެކޭ ގޮތް ބަޔާންކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަޝްވަރާތަކުގައި ބައިވެރިވާނެ އެމްޑީޕީގެ މަންދޫބަކު ގައުމީ މަޖިލޫހުން ވަރަށް އަވަހަށް ކަނޑައަޅައި އެކަން އިޢުލާން ކުރައްވާނެ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
ވަކިވަކި ފަރުދުންނަށް ވުރެ ބޮޑަށް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ. އަދި މަޝްވަރާ ކުރާނެ ތިން ދާއިރާއެއް ވަނީ ކަނޑައަޅައިފަ އެވެ.