21 May 2015, 13:10
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމުގެ މައްސަލައިގެ ކުށް ސާބިތުވެ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފަރުވާދިނުމަށް މާލެ ގެނެސްފި އެވެ.
އެމަނިކުފާނަށް ފަރުވާ ދިނުމަށް ގެނައީ ސިފައިންގެ މަރުކަޒީ ހޮސްޕިޓަލް ސެނަހިޔާ އަށެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު ފަރުވާ ހޯއްދަވަނީ ދަތެއްގެ މައްސަލައަކަށެވެ.

އެހޮސްޕިޓަލް ސަރަހައްދަށް ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން އެއްވެފައިވާ އިރު ފުލުހުން ވެސް ދަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓަމުންނެވެ.
ރައީސް ނަޝީދަށް ފަރުވާ ދިނުމަށްފަހު މިއަދު 2:15 ކަންހާއިރު ވަނީ އަނބުރާ މާފުއްޓަށް ގެންގޮސްފައެވެ. ރައީސް ނަޝީދު މިއަދު ދައްކާފައިވަނީ ދަތުގެ ޑޮކްޓަރަކަށާއި އެތެރެ ހަށީގެ ޑޮކްޓަރަކަށެވެ. ރައީސް ނަޝީދުގެ ހާލު ރަނގަޅު ކަމަށް ކަރެކްޝަންއިން މައުލޫމާތުދެއެވެ.
ރައީސް ނަޝީދު 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަނީ މާފުށީ ޖަލުގައި އެމަނިކުފާނަށް ހާއްސަކޮށް ހަދާފައި ހުންނަ ވަކި ހާއްސަ އެޕާޓުމަންޓެއްގައި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެ އެވެ.