21 May 2015, 12:55
އެއްގަމު އުޅަނދު ފަހަރުގައި ޓްރެފިކް ސްޓިކާ ޖެހުން ހުއްޓުމާއި ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދިނުމުން، ގަވާއިދާ ހިލާފަށް ޕާކް ކުރާ ފަރާތްތަކުގެ މައްސަލަ ހައްލު ކުރުމަށް ގޮތްކެއް ހޯދުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެއްގަމު އުޅަނދު ފަހަރުގައި ޓްރެފިކް ސްޓިކާ ޖެހުން ހުއްޓާލައި، ސްޓިކާ އަށް ދައްކަން ޖެހޭ ޖޫރިމަނާ މާފުކޮށްދެވޭތޯ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބައްލަވަމުންދާ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވަނީ މީދެ ދެ ދުވަސް ކުރިން ވިދާޅުވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން ސަން އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޕޮލިސް ސްޓޭޝަން އިންސްޕެކްޓާ އަހުމަދު ނަސީމް މިއަދު ވިދާޅުވީ މާލޭގެ މަގުތަކުގައި ގަވާއިދާ ހިލާފަށް ޕާކް ކުރާ މައްސަލައަކީ ބޮޑު މައްސަލައެއް ކަމަށާއި ނަމަވެސް ގަވާއިދާ ހިލާފަށް ޕާކް ކުރާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ޖެހުން ހުއްޓާލާ ނަމަ، އެ މައްސަލައަށް އެ ނޫން ހައްލެއް ހޯދުމަށް ސަރުކާރާ އެކު މަޝްވަރާ ކުރާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރު ނިހާން ހުސައިން މަނިކު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކް ކުރާ ފަރާތްތަކުގެ ވެހިކަލްތަކުގައި ސްޓިކާ ޖެހުމަކީ ސުވާނުންނަށް އަރައި ނުގަނެވޭ ވަރުގެ ކަމެއް ކަމަށާއި އެކަމަށް ލުޔެއް ހޯދައި ދިނުމަށް ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ބޭނުންފުޅުވާ ކަމަށެވެ.
"އެތަކެއް ޒުވާނުންނެއް ބޭނުންހާތަކު ޕާކު ކޮށްފައި ސްޓިކާ ޖެހީމަ މިދަނީ ޖޫރިމަނާ ފައިސާ ހޯދަން މައިންބަފައިން ކައިރިއަށް. ނޫނީ ބޭބެއެއް ދައްތައެއް ކައިރިއަށް. އެއީ މަސައްކަތް ކުރާ ޒުވާނެއް ވެއްޖިއްޔާ ޖޫރިމަނާ ދައްކާފައި ގެއަށް ގެންދާނެ އެއްޗެއް ނޯވޭ،" ނިހާނު ވިދާޅުވި އެވެ.
ނިހާނު ވިދާޅުވީ، އާންމު ރައްޔިތުންނަށް ވާ ދަތި އުނދަގޫތަކަކީ ރައީސް ޔާމީން ވަރަށް ގާތުން ބައްލަވަމުންދާ ކަންކަން ކަމަށެވެ.
"ރައީސް ޔާމީން ބައްލަވައޭ ގައުމުގެ ޒުވާނުންނާ މުސްކުޅިންނާ ދަތުރުފަތުރު ކުރާ މީހުންނާ ހުރިހާ އެންމެންގެ ހާލު ބަރާ ބަރަށް. އެމީހުންނަށް ވަނީ ކިހިނެއްތޯއާ އެމީހުންނަށް ލިބެމުންދަނީ ކޮން ދައްޗެއްތޯއާ މިކަންތައްތަކަކީ ރައީސް ވަރަށް ގާތުން ބައްލަވާ ކަންތައްތައްވީމަ، ޕީޖީ ގްރޫޕަށް ލިބޭ ރައީސްގެ އިންސްޓުރަކްޝަނެއް އެއީ. މިވެނި ކަމެއް އެވެނި ކަމެއް ބައްލަވާފައި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް އަޅުގަނޑުމެންނާ ހިއްސާ ކުރާނީ." ނިހާނު ވިދާޅުވި އެވެ.