ގއ. މާމެންދޫ ސްކޫލާއި މ. ދިއްގަރު ސްކޫލުގައި އައު ކްލާސްރޫމްތަކެއް އިމާރާތް ކުރުމަށް އެލްއެފް ކޮންސްޓްރަކްޝަން އާ ހަވާލުކޮށްފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ކްލާސްރޫމްތައް ހެދުމުގެ މަސައްކަތް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ. އެލްއެފް ކުންފުުނީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ޖެނެރަލް މެނޭޖަރު އަބްދުލް ލަތީފު އެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: އަލީ ނަސީރު

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަފީއު ވިދާޅުވީ މާމެންދޫ ސްކޫލުގައި އަލަށް އަޅާ އިމާރާތުގައި ހަތަރު ކްލާސްރޫމް ހުންނަ އިރު އެ ކްލާސްރޫމްތަކަކީ ޕާޓިޝަން ހޯލަކަށް ބޭނުން ކުރެވޭ ގޮތަށް ތައްޔާރު ކުރާ އިމާރާތެއް ކަމަށެވެ. އެ އިމާރާތުގައި ސްޓޭޖެއް ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ކްލާސްރޫމުތައް ނިންމުމަށް އަށް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ އިރު އެ ކްލާސްރޫމްތައް އެޅުމަށް 2،147،822 ރުފިޔާ ހަރަދުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

ދިއްގަރު ސްކުލުގައި އަލަށް އަޅާ އިމާރާތުގައި ފަސް ކްލާސްރޫމް ހުންނަ އިރު ދެ ފަންގިފިލާގެ ހޯލެއް ވެސް އެ ސްކޫލުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތް ނިންމުމަށް ދީފައި ވަނީ 10 މަހެވެ. ދިއްގަރު ސްކޫލުގައި އަލަށް އިމާރާތް ކުރާ ކްލާސްރޫމުތަކަށް 8،590،437 ރުފިޔާ ހަރަދުވާނެ ކަމަށް އެޑިޔުކޭޝަނުން ބުންޏެވެ.