21 May 2015, 12:19
ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވާލު އުފައްދާ ކަރެންޓްގެ 30 ޕަސެންޓް ދެމެހެއްޓެނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން ނިންމާފާވާ ކަަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީ ތާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އިންޓެންޑެޑް ނެޝަނަލީ ޑިޓާމައިންޑް ކޮންޓްރިބިއުޝަން، މޫސުމަށް އަންނަ ބަދަލުތައް ހައްލުކުރުމަށް ގައުމުތަކުން ކުރާނެ ކަންތައްތައް ހިމެނުމަށް ތައްޔާރުކުރާ ޑޮކިއުމެންޓާ ބެހޭ ގޮތުން ސްޓެލްކޯގައި މިއަދު ފެށި ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން ތާރިގު ވިދާޅުވީ ތިމާވެށީގެ މައްސަލަތަކަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ޕެރިސްގައި އަންނަ ޑިސެމްބަރު މަހު ބާއްވާ ބައްދަލުވުން ކޮޕް 21ގައި ސަރުކާރުތަކުން ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް ހިމަނާ އެއަށް އެއްބަސްވާން ޖެހެ އެވެ. ރާއްޖޭގެ ފަރާތުން ހުށަހަޅާ އެގްރިމެންޓްގެ ޑްރާފްޓެއް ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަަކަށް ފޮނުވާފައިވާ ކަމަށް ތާރިގު ވިދާޅުވި އެވެ.
"މި ވޯކްޝޮޕްގެ ބޭނުމަކީ ކޮންމެ ދާއިރާއަކުން ވެސް، އޮފީސްތަކުގަ އާއި ޓުއަރިސްޓް ރިސޯޓްތަކުގަ އާއި އަދި އެހެނިހެން ދާއިރާތަކުން ވެސް ކޮބައިތޯ އެ ފާރާތްތަކުން މޫސުމަށް އަންނަ ބަދަލުތަކުން ދިމާވާ މައްސަލަތަކާއި އަދި އެކަންކަމުން ރެކި ގަތުމަށް ނެޝަނަލް ލެވެލްގަ ކުރެވޭނެ ކަންތައްތައް ބެލުން." ކަމަށް ތާރިގު ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ރާއްޖެ އިން ކުރާނެ މަސައްކަތްތައް ބަޔާން ކުރާ އިރު އެކަންކަން ވާންޖެހޭނީ ރާއްޖެ އަށް ކުރެވޭ ވަރުގެ ކަންތައްތައް ކަމަށް ވެސް ތާރިގު ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ހިނގާނެ ޚަރަދު ވެސް ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ. ހަމަ އެއާކު ރާއްޖެ އަށް މިކަންކަން ކުރުމަށް މާލީ ގޮތުން ބޭނުންވާ އެހީތެރިކަން ވެސް މި ލިޔުމުގައި ހިމަނަން ބޭނުންވާ ކަމަށް ތާރިގް ވިދާޅުވި އެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އެގައުމުކުން ކުރަން ބޭނުންވާ ކަންތައްތައް ހިމަނާ ޑޮކިއުމެންޓް ހުށަހަޅާ ފުރަތަމަ ގައުމަކަށް ރާއްޖެ ވާން ބޭނުންވާ ކަމަށް ވެސް ތާރިގު ވިދާޅުވި އެވެ.
މި ޑޮކިއުމެންޓްގައި އެހެން ގައުމުތަކުން ޖައްވަށް ބޭރުކުރާ ވިހަ ގޭސް ބެހެއްޓުމަށް ރާއްޖެ އިން އެދޭ ވަރާއި އަދި ރާއްޖެ އިން ވިހަ ގޭސް ބޭނުންކުރާ މިންވަރު މަދު ކުރާނީީ ކިހާ މިންވަރަކަށްކަން ވެސް މި ލިޔުމުގައި ހިމަނަންޖެހެ އެވެ.

މި ޑޮކިއުމެންޓް ސެޕްޓެމްބަރު ހުށަހެޅޭތޯ އެންވަޔަރަމެންޓް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.
މިއަދު ހަވީރު ނިންމާ އެ ވޯކްޝޮޕްގައި ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުން ގާތްގަނޑަކަށް ތިރީސް ފަރާތުން ބައިވެރިވެ އެވެ.