ރޯދަމަސް ފެށެން މަސް ދުވަހަށް ވުރެ ކުޑަތަން ވެފައިވާއިރު މާލޭގެ ބާޒާރުގައި ފިޔާ، އަލުވި އަދި ބިހުގެ އަގު މައްޗަށް ޖެހިލައިފި އެވެ.

މިއަދު މާލޭގެ ބާޒާރުގެ އަގުތަކަށް ބަލާ އިރު ކުރިން 280 ރުފިޔާ އަށް ވިއްކާ ފިޔާ ބަސްތާއެއް މިހާރު ވިއްކަމުން ދަނީ 380 ރުފިޔާ އާއި 400 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. ކުރިން 12 ރުފިޔާ ނުވަތަ 15 ރުފިޔާ އަށް ފިޔާ ކިލޯއެއް ލިބޭއިރު މިއަދު ފިޔާ ކިލޯއެއް ލިބެން ހުރީ 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

އަލުވިބަސްތާއެއް ކުރިން 300 ރުފިޔާއަށް ވިއްކިއިރު މިއަދު ވިއްކަމުން ދަނީ 480 ރުފިޔާއަށެވެ. ކުރިން އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކިއިރު މިހާރު ވިއްކަނީ 25 ރުފިޔާ އަށެވެ.

ބިސް ކޭހެއްވެސް މީގެ ކުރިން ބާޒާރުގައި 300 ރުފިޔާއަށް ވިއްކި ނަމަވެސް މިއަދު ވަނީ 400 ރުފިޔާއާ ގާތްކުރާ އަދަދަކަށް ބިސް ކޭހެއްގެ އަގު މައްޗަށް ގޮސްފައެވެ.

ބާޒާރުމަތީގަިއ ވިޔަފާރި ކުރާ ފަރާތްތަކާއި ވާހަކަ ދައްކާލުމުން އެފަރާތްތަކުން ބުނަނީ އެތަކެތީގެ އަގު މައްޗަށް ގޮސްފައިވާތާ މިހާރު ތިން ވަރަކަށް ހަފްތާވެފައިވާ ކަމަށާއި ތަކެތީގެ އަގު ބޮޑުވެފައި ވަނީ ބާޒާރުގައި އެބާވަތްތައް މަދުވުމުން ކަމަށެވެ.

ރޯދަމަސް ފެށެން ކައިރި ވަމުން އަންނާތީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި އަތޮޅުތެރެއަށް ވެސް މިހާރު އަންނަނީ ގެންދަމުންނެވެ.

ފިޔާ، އަލުވި އަދި ބިހުގެ އަގުތައް ބާޒާރުގައި ބޮޑުވެފައިވީ ނަމަވެސް އެސްޓީއޯ އިން ބުނެފައިވަނީ ރޯދަމަސް ގާތްކޮށް އެތަކެތި ރާއްޖެ އެތެރެކޮށް ހެޔޮ އަގުގައި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށެވެ.