ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 56 އަހަރު ފުރުން ތަފާތު ގޮތްގޮތަށް ފާހަގަ ކުރުމަށް ނިންމައިފިއެވެ.

ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ސަން އަށް ވިދާޅުވީ މިއަދަކީ އެމަނިކުފާނުގެ 56 ވަނަ އުފަންދުވަސް ކަމުގައިވުމާއެކު، އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އެންމެ ކުލަ ގަދަ ހަރަކާތަކީ މިއަދު ހަވީރު 4:00 ގައި އާޓިފިޝަލް ބީޗާއި މާލޭގެ އެކި ސަރަހައްދުތަކުގައި ކުޑަކުދިންނަށް ބާއްވާ ހަރަކާތްތައް ކަމަށެވެ. އެހަރަކާތްތަކުގައި ކުޑަކުދިންނަށް ހަދިޔާ ބެހުން ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަކުދިންނަށް ސަދަގާތް ކުރުމުގެ މަގުސަދުގައި ބާއްވާ ކުޑަކުދިންގެ ހަވީރެއް މިއީ. ދެން ސަދަގާތެއްގެ ގޮތުގަިއ ގިފްޓް ބަހާލުން ކަހަލަ ކަންކަން އޮންނާނެ،" ރައީސްގެ އަރިސްބޭފުޅަކު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް އޮފީހުގެ މުވައްޒަފުން ޚާއްސަ ކެއުމެއް ބޭއްވުމަށް ނިންމާފައިވާއިރު ބައެއް ސިޔާސީ އިސްވެރިންނާއި ވިޔަފާރިވެރިންވެސް ރައީސްގެ އުފަން ދުވަސް ފާހަގަ ކުރަން ތަފާތު ކަންކަން ކުރަން ވަނީ ނިންމާފައެވެ.

މިއަދު ބާއްވާ ކުޑަކުދިންގެ ހަވީރަށް ރައީސް ޔާމީން ވަޑައިގައިނުގަންނަވާނެ އެވެ. ކުޑަކުދިންގެ ހަވީރުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ އާއިލާއިން ޚާއްސަ ކަމެއް ކުރިއަށް ގެންދާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.