ކޮނިކެޓިކެޓް (މޭ 21) : މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއް ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ސިފަކުރައްވައިފި އެވެ.
އެމެރިކާގެ ކޮނިކެޓިކެޓްގައި ހުންނަ ކޯސްޓްގާޑުންގެ އެކަޑަމީގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތެއް ޝަރަފުވެރި ކުރެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ބިރުވެރި ބަދަލުތަކެއް ކަމަށާއި އެކަމަށް އިންކާރު ކުރާ ފަރާތްތަކަކީ ހަގީގަތަށް އިންކާރު ކުރާފަރާތްތަކެއް ކަމުގަ އެވެ. މޫސުމަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ އަމަނާއި ސަލާމަތަށް ހުރި ވަރަށްބޮޑު ނުރައްކަލެއްގެ އިތުރުން އެއީ އެމެރިކާގެ ގައުމީ ސަލާމަތަށް ވެސް ހުރިނުރައްކަލެއްކަމަށް އޮބާމާ ވިދާޅުވި އެވެ.

އެހެންކަމުން މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލައި އެކަމަށް ހައްލުހޯދަން ހުރިހާ ގައުމަކުން ވެސް މަސައްކަތްކުރަން ޖެހޭކަމަށާއި މިކަމުގައި އެމެރިކާ ވެސް ގުރްބާނީތަކެއް ވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރާކަމުގެ ތުހުމަތު ކުރެވިފައި ވަނީ އެމެރިކާގެ ތެލާ ބެހޭ ކުންފިނިތަކަށާއި އެނޫންވެސް ބިނަ ސިނާއީ ކުންފުނިތަކުގެ މައްޗަށެވެ. އެކުންފުނިތަކުގެ ކާރުޚާނާތަކުން ޖައްވަށް ފޮނުވާ ވިހަގޭސްތައް މަދުކުރުމުގައި އެފަރާތްތަކުގެ އެއްބާރުލުމެއް ނުލިބޭ މައްސަލަ އެމެރިކާ ސަރުކާރަށްވެސްވަނީ ބޮޑުކަމަކަށްވެފަ އެވެ.


ނަމަވެސް އެމެރިކާ ސަރުކާރުން އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ހިމެނޭކަމަށާ ޖައްވަށް ފޮނުވާ ވިހަގޭސްތައް މަދުކުރުމަށް އެމެރިކާ މައްކަތްކުރަމުން ގެންދާކަމަށް އޮބާމާ ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާގުޅިގެން އެމެރިކާއަށް ސްނޯގެ ތޫފާންތަކާއި ބައެއް ސަރަހައްދުތަކަށް ހަނަފަސްކަން އަންނަމުންދާ ކަމަށް އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން ހާމަކުރާ އިރު މިއީ މުސްތަގްބަލްގައި ވަރަށް ނުރައްކާތެރި ހާލަތަކަށް ހިނގައިދާނެ މައްސަލައެއްކަމަށް އޮބާމާ ވިދާޅުވި އެވެ. (ރޮއިޓާސް)