ރ. އަލިފުށީގައި އޮޑިދޯނީގެ މަސައްކަތް ކުރާ އަމިއްލަ މީހެއްގެ ގުދަނެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.

އަލިފުށީ ރީފް، އަބްދުއްރަހުމާން ޔޫސުފްގެ އެ ގުދަނަކީ އެ ރަށު މެދެއްހާ ހިސާބުގައި ހުރި ގުދަނެކެވެ. އެ ގުދަނުގައި ރޯވެފައި ވަނީ ރޭ 2:00 ކަންހާއިރު އެވެ. އަލިފާން ގަނޑު ކޮންޓުރޯލް ކުރެވުނީ 4:30 ކަންހާ އިރު ކަމަށް އެ ރަށު ކައުންސިލް އިން މައުލޫމާތު އެވެ. އެ ހާދިސާގައި އިންވެގެން ހުރި ގެއަކަށް ގެއްލުމެއް ލިބިފައިނުވާ އިރު މީހަކަށްވެސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އެ ރަށު ކައުންސިލް ރައީސް އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ އެގުދަނަކީ ގިނަ އަދަދަކަށް މުދާ ހުރި ގުދަނެއް ކަމަށާއި އެގުދަން އެއްކޮށް އަނދާ ހުލިވުުމުން މާލީ ބޮޑު ގެއްލުމަކާއި ކުރިމަތިވާނެ ކަމަށެވެ. އެގުދަނުގައި އެކި ކަހަލަ ކެމޮކަލް އާއި ޑީސަލްގެ އިތުރުން ލަކުޑިވެސް ހުންނާނެ ކަމަށާއި މައިގަނޑު ގޮތެއްގައި ގުދަނުގައި ހުރީ އޮޑިދޯނި ފަހަރު ބަންނަން ބޭނުންވާ ސާމާނު ކަމަށް ވިދާޅުވި އެވެ.

"އެއީ 30 ފޫޓް ދިގު 30 ފޫޓް ފުޅާ ގުދަނެއް. ކުޑަކޮށް ރާނާފައި ދެން އެއްކޮށް ޓިނުން ހިޔާކޮށްފައި ހުރި. އެގުދަން ވަނީ އެއްކޮށް އަނދާފައި،" މުހައްމަދު ވިދާޅުވި އެވެ.

އެ ހާދިސާގައި ސަލާމަތް ކުރެވެނީ ގުދަނުގައި ހުރި ކުރިން ބޭނުންކޮށްފައި ހުރި ދެ ޕަންޕަކާއި ޑިސަލް ތަކެއް ކަމަށް މުހައްމަދު ވިދާޅުވި އެވެ.

އެގުދަނަކީ ކަރަންޓް ބޭނުންކުރާ ގުނަދަނަކަށް ނުވާ އިރު ގުދަން ބަލަހަންޓަން މީހަކު ވެސް ރޭ ގަނޑު ނުހުންނަ ކަމަށް ކައުންސިލުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާ އިރު އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.