ތެހެރާން (މޭ 21): އީރާނުގެ ނިއުކްލިއަ ސައެންޓިސްޓުންނާ ބައްދަލުކޮށް ސުވާލު ކުރުމުގެ ފުރްސަތު ނިއުކްލިޔާ ވާހަކަތަކުގައި ބައިވެރިވާ ދުނިޔޭގެ ބޮޑެތި ބާރުތަކަށް ވެސް އަދި އެހެން ފަރާތަކަށް ވެސް ނުދޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

އީރާނުގެ ދީނީ މުރްޝިދު އާޔަތުﷲ އަލީ ޚަމަނާއި ވިދާޅުވީ އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލު ކުރުމުގެ ނަމުގައި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި އީރާނުގެ ނިއުކްލިއަ ސައެންޓިސްޓުންނާ ބައްދަލުކޮށް ސުވާލު ކުރުމުގެ ފުރްސަތު ދިނުމަކީ އެއްވެސް ޙާލެއްގައި އީރާނުން ކުރާނެކަމެއްނޫނެވެ.

އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޚަމަނާއި ވިދާޅުވީ ނިއުކްލިއަ މައްސަލަ ޙައްލުކުރުމުގެ ވާހަކަތައް ދައްކަން ޖެހޭނީ އީރާނުގެ ކަމާ ބެހޭ މަސްއޫލުވެރިންނާ ކަމަށާއި އީރާނުގެ ނިއުކްލިއަ އިންޖިނޭރުންނާއި އަދި ސައެންޓިސްޓުންނާ ސުވާލުކޮށް ހެދުމަކީ އީރާނުގެ ގައުމީ މަސްލަޙަތާ ފުށުއަރާކަމެއް ކަމަށް ވާތީ އެކަން އެއްގޮތަކަށް ވެސް ނުކުރެވޭނެ ކަމުގަ އެވެ.

އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެމެދު ޖެނީވާގައި ކުރިޔަށްދާ ވާހަކަތަކުގެ ތެރެއިން އީރާނުގެ ނިއުކްލިއަ ފަންނީމީހުންނާ އަދި ސައެންޓިސްޓުންނާ ސުވާލުކުރުމަށް ބޮޑެތި ބާރުތައް ބޭނުންވާކަން ނުވަތަ ނޫންކަން ހާމަވެފައެއްނުވެ އެވެ.

އީރާނަކީ ނިއުކްލިއަ ނެގޯސިއޭޝަންގައި ވަރަށް ވަރުގަދަ ޑިޕްލޮމެޓިކް އުކުޅުތައް ބޭނުންކޮށްގެން ބާރާއެކު ވާހަކަދައްކައި ނަތީޖާ ހާސިލްކުރަމުން ގެންދާގައުމެއްކަން ހުޅަނގުގެ ލިޔުންތެރިންކާއި ޑިޕްލޮމޭޓުންވެސް ފާހަގަ ކުރައްވަ އެވެ. މިގޮތުން އީރާނުން ދޫދިނުމަށް ދެކޮޅުހަދާކަންކަން އެނޫންގޮތަކަށް ބަދަލުނުކުރާނެކަން ދެއްކުމަށްޓަކައި އީރާނުގެ ސިފައިންނާއި އިންގިލާބީ ލަޝްކަރުތައް ބޭނުންކޮށްގެން އަސްކަރީ ފަރިތަކުރުންތައް ބާއްވައި މުލައްދަނޑީގެ ބާރުދެއްކުމާއި އީރާނުގައި އުފައްދާ ދުރުރާސްތާގެ ބެލަސްޓިކް މިސައިލް ޓެސްޓް ކުރުންފަދަ ކަންކަން ވެސް އީރާނުން ކުރަމުން ގެންގޮސްފައިވެ އެވެ. މިގޮތުން އީރާނުން ބޮޑެތި ބާރުތަކާ އެކު ނެގޯސިއޭޓް ކުރަނީ ފަލަސްތީނުން އިސްރާއިލާ އެކު ނެގޯސިއޭޓްކުރާގޮތަށް ބަލިކަށި ހާލަތެއްގައި ނޫންކަމަށާ އަސްކަރީ ބާރާއި ޓެކްނޮލޮޖީގެ ބާރުވެސް ހުރެ އެބާރު ބޭނުންކުރަން ފަސްނުޖެހޭނެ ކަމުގެ ބިރުވެސް ދައްކައިގެންކަމަށް ހުޅަނގުގެ ޑިޕްލޮމޭޓުން ވެސް ވިދާޅުވެ އެވެ.

އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލު ކުރުމާ ބެހޭ ދާއިމީ އެއްބަސްވުމުގައި ސޮއިކުރުމަށް އީރާނާއި ދުނިޔޭގެ ބާރުތައް ކަނޑައަޅާފައިވާ ސުންގަނޑިއަކީ އަންނަ ޖޫންމަހުގެ ނިޔަލަށެވެ. މިސުންގަނޑި ހަމަވުމަށް އެއްމަހާ ދިހަދުވަހަށް ވެފައިވާ އިރު އީރާނުގެ ނިއުކްލިއަ މައްސަލަ ޙައްލު ކުރުމާ ބެހޭ ދާއިމީ އެއްބަސްވުމަކަށް އައުމަށް އެޅިފައިވާ ގިނަ ހުރަސްތައް ނައްތާލައި ފްރޭމްވޯކް އެއްބަސްވުމަކާ ހަމައަށް ވަނީ ގޮސްފަ އެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެގޮތް ފަދަ ބައެއްކަންކަމުގައި ދެފަރާތަށް އެއްބަސްވުމަކަށް އަދި އާދެވިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)