20 May 2015, 23:12
މާލެ އާއި ހުޅުމާލެއާ ދެމެދު ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ބްރިޖްގެ މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށާއި މި ސަރުކާރުން އެ ބްރިޖް އަޅާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބްރިޖްގެ ސާވޭތަކަށް ބޭނުންވާ ބޯހޯލް ތޮރުފުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ބްރިޖް ނޭޅޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެބަ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް މިކަން އޮޅުވާލަން މަސައްކަތް ކުރާތަން. އެބަބުނޭ އަދި ނުވެސް ނިންމައޭ ބްރިޖް ހެދޭނެކަމެއް. ހަދާކައްވެސް ނޫނޭ ހެދޭނެތޯ ވެސް އަދި ނުނިންމައޭ. މިއީ ހަމަ އެއްކަލަ ދިރާސާއެއް ހަދާލަނިއްޔޭ. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ބްރިޖް ހަދަން މިހާރު މިވަނީ ނިންމާފަ. އެ މަރުހަލާ ނިމިއްޖެ. އެހެންވީމަ ބްރިޖް އަޅަންވީތޯ ނުވަތަ ނޫންތޯ ދެން ނުބަލާނެ. ބްރިޖް އިރާދަކުރެއްވިއްޔާ ހަދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ ބްރިޖަށް ބޭނުންވާ މުހިންމު ސާވޭތަކެއް ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން މިއަދު ފަށާފައިވާ ބޯހޯލް ތޮރުފައި ނިމުމުން ފައުންޑޭޝަން އެޅުމަށް ބޭނުންވާ ކަންކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ބޯހޯލް ތޮރުފަން ފެށުމަށް މިއަދު ހެނދުނު ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ، ކުރިއަށް އޮތް މަހުގެ ތެރޭގައި ތަފްސީލީ ޑިޒައިން ހުށަހަޅައި ޓެންޑަރިން މަސައްކަތް ޗައިނާގައި ފެށިގެން ދާނެ ކަމަށާއި އަދި މި އަހަރުގެ ފަހުކޮޅު ބުރިޖު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.
ބްރިޖް ހަދަން ކަނޑުގެ އެ ސަރަހައްދުން 50 މީޓަރު ފުނަށް ޖުމްލަ 29 ބޯހޯލް ތޮރުފާނެ އެވެ.