އަނާއަށް ލިބިފައިވާ ހިތްހަމަޖެހުމާއި އުފާވެރިކަން ނެތި ހާސްކަމަށް ބަދަލުކޮށްލީ ދުރުން ރާހިލް ހިނގާލާފައި އަންނަތަން ފެނިފައެވެ. މިތަނަށް ރާހިލް އަންނާނީ ރަގަޅު މަގުސަދެއްގައި ކަމަކަށް އަނާގެ ހިތެއް ނުބުނެއެވެ. ހާސްކަމާއިއެކުގައި އަވަަހަށް މޫދާއި ދިމާލަށް ހިނގައިގަތުމުން ކައިލަން ހުއްޓުވާކަށް ނޫޅުނެވެ. ރާހިލް އަރާ ހަމަކޮށްލާފައި ސެޝަން ކުރިއަށް ދާގޮތް އޮޅުންފިލުވިއެވެ.

"ކައިލަން، ކުރީދުވަހުވެސް އަހަރެން ބުނިން ކުޑަކުއްޖެއް ހައްލާލައިގެން ނޫޅޭށޭ، އެޖުމްލައާއިމެދު އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟ އެންމެން ސިއްރުކޮށްގެން އުޅޭ ވާހަކައެއް މަ ބުނަންތަ؟ އަނާގެ އޭޖް އޮޅުވާލައިގެން މަންމަމެން އެއުޅެނީ، ބައެއް ކުދިން ފެންވަރު ރަގަޅުވީމަ ދެ ގްރޭޑްމަތިކޮށްވެސް ކިޔަވައެއްނު ދޯ، އަނާއަކީ އާދަޔާ ޚިލާފަށް މޮޅުކުއްޖަކަށްވީމަ ބައްޕަމެން އޭނަ އުމުރު ބަދަލުކޮށްފައި އެހެން ކުދިންނާއިއެކު އުޅެން ފަސޭހައަކަށް އެހެން ހެދިޔަސް އެކުއްޖާއަށް އެންމެ އަށާރަ އަހަރު، އިސްކޮޅެއް ހުއްޓަސް މޫނަށް ބަލާފައި ހިޔެއްނުވޭތަ؟ އަނާގެ ޅަކަމުން އޭނަގެ ހިތާއި ކުޅެލުން މާ އުދަގުލެއްނުވާނެ، އެހެންވެ އަހަރެން މިބުނަނީ ދުރުން އުޅޭށޭ، ޝީޒް ޖަސްޓް އެ ކިޑް......" ރާހިލް ބަލައިލިއިރު އަނާހުރީ އިސްކޮޅު ކިރިޔާ ޖެހޭ ހިސާބުގައި މޫދަށް އެރިފައި އަނެއް ފަރާތަށް އެނބުރިގެންނެވެ.

"ރާޔާ މަރުވުމުން ލިބުނު ޝޮކްގައި އެކުއްޖާގެ މިޒާޖާއި އުޅުން ބަދަލުވިޔަސް ކުރިން ފެނުނުނަމަ އެނގޭނެ އެކުއްޖާގެ ޅަގޮތްތައް، ކައިލަން، މަންމަމެންވެސް މިހާރު ހީވާގޮތުން އަނާގެ އަސްލު އޭޖް ހަދާންނައްތާލައިފި، ސްޕެޝަލީ ރާޔާ މަރުވިފަހުން އެކުއްޖާގެ ހިމޭންކަމާއި ސީރިޔަސްކަމުން ހަރު މާމައެކޭ އެއްވަރު ވިއްޔަ...." ރާހިލް ފާޑަކަށް ހިނިއައީ އެކަން އަމިއްލަ ނަފުސަށްވެސް އޮޅުވާލަން ބޭނުންވެފައިވާތީއެވެ. އުމުރުގެ ގޮތުން ހަނގުވެގެން ކައިލަންއަށް އަނާ ނުލިބޭނެކަމުގައި ވިއްޔާ އޭނައަށް އަމުދަކުން އެ ހައްގެއްނެތެވެ. ކައިލަންއަށްވުރެ އޭނަ ދެއަހަރު ބޮޑެވެ. ރާހިލްގެ އެ ވާހަކަތަކުން ކައިލަން ހަނދާންވީ ފުރަތަމަ ދުވަހު އަނާއާއި ބައްދަލުވި ދުވަހެވެ. އެދުވަހުވެސް މޫނުން ޅަހެން ހީވެގެން އޭނަ އަނާއަށް އަށާރަ އަހަރު ދޯ އޭ އެހިއެވެ. ފައިލް ބަލާލާފައި އުމުރު އެކާވީސްކަން އެނގިފައި އޭނަވެސް ހައިރާންވިއެވެ. އެ ހަނދާންތައް ސިކުނޑީގައި ޖެހިގަތުމާއިއެކު ކައިލަން ކުށްވެރިއެއްފަދައިން އިސްޖަހާލައިފިއެވެ. ރާހިލް ދިޔަފަހުން އަނާ މޫދުން އަރާ ރާހިލް ދެއްކި ވާހަކަތައް އޮޅުން ފިލުވަން ސުވާލުކުރިއިރު ކައިލަން އަނާގެ ދެލޮލަށް ނިކަން ފުންކޮށް ބެލިއެވެ. ކުޑަކުއްޖެއްގެ ލޮލުގަައި ހުންނާނެފަދަ ތޫނުފިލިކަމާއި ރީތިކަން ފެނިފައި ކައިލަންއަށް އަސަރުކުރިއެވެ.

ޖެހިގެން އައިދުވަހުވެސް ކައިލަން ފަލަކްނާޒްގެ ހުއްދަ ހޯދައިގެން އަނާ ގޮވައިގެން އެމީހުންގެ ސަފާރީއެއްގައި އެކަނި ދުއްވާލަން ދިޔައެވެ. ވިލާ ބޯކަމުން އިރުގެ އަލިކަމުން ދުނިޔެވަނީ މަޙްރޫމްވެފައެވެ. ކޮންމެ އިރެއްގައިވެސް ވާރޭ ވެހިގެންފާނެކަމުގެ ޢަލާމާތްތައް ހުރިހާ ދިމާލަކުން ފެނެއެވެ. އެންމެހިތް އެދޭ ފަރާތާއިއެކު މިފަދަ ދަތުރެއްގައި މަންމަ ފޮނުވުމުން އަނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އެތެރެއިން ޕެޓީއެއް ލާފައި ބޭރުން ތުނި ޓޮޕްކޮޅެއްލާފައި ނޫ ޖިންސެއްލައިގެން އިސްތަށިގަނޑު މައްޗަށް ކަހާލާފައި އައްސާލާފައި ހުރުމުން ސާދާކަމުގެ ނަމޫނާއެކެވެ. ނަމަވެސް މޭކަޕެއްނެތި އެހާ ސާދާކޮށް ހުރިއިރުވެސް ރީތިކަމުން ފިރިހެނުންގެ ހިތްތަކަށް އަސަރުކުރުވާނެއެވެ. ކައިލަންއަށް ހަޤީގަތް އެނގުމަށްފަހު އޭނަ މަސައްކަތްކުރަނީ އަނާ ހިތުން ނެރެ އެއްލާލުމަށެވެ. އަނާ އައިސްކްރީމް ތަށްޓެއް ހިފައިގެން ގޮސް ސަފާރީގެ ސިޑިބަރިމަތީގައި ޖައްސާލިއިރު ކައިލަން އުޅުނީ ފަތާލަން މޫދަށް އެރިއެވެ.

"ޑައިވް ކުރާކަށް ނުދާނަންތަ؟ "ކައިލަން ތަންކޮޅެއް ކައިރިއަށް ޖެހިލާފައި މަޑުމަޑުން އަނާގެ ފައިތިލައިގާ ކޮށްޓައިލުމުން އަނާ ސިހިފައި ފައިދަމައިގަނެގެން ހޭންފެށިގޮތަށް ހުއްޓައެއްވެސް ނުލިއެވެ.

"ސޮރީ، ހިތަށް ނާރާ ތިވަރު ވެދާނެއޭ....." ކައިލަން ވެސް އަނާއާއި ބައިވެރިވެ ހޭންފެށުމުން އަނާއަށް އިނދެވުނީ އެސްފިޔަޖަހާނުލާ ބަލާާށެވެ. ކައިލަންގެ ހިނިތުންވުމަށް އޭނަގެ ހިތް ފިދާވާވަރުވެއެވެ. ހިނިތުންވެލުމުން އޭނަގެ ރީތިކަން މާބޮޑަށްވެސް އިތުރުކުރުވައެވެ. އިސްތަށިގަނޑު ތެމިގެން މޫނަށް ފައިބާފައިވާއިރު ކަޅުކުލަގަދަކަމުގެ ދެވަނައެއް ނެތެވެ.

"ތިހާވަރަށް ބަލަންޏާ އެސްފީނާޖެހިދާނެ..." ކައިލަން ލާނެތްވެލާފައި އިތުރު އެއްޗެކޭ ބުނަން އުޅެނިކޮށް ހީވީ ކަައިލަންގެ ގެ ފައިގާ އެއްޗެއް ހިފާ ދަމައިގަތްހެންނެވެ. ކައިލަން އަޑިޔަށް ދިޔައީއެވެ. އަނާގެ ހިތަށް ގަނޑުފެން އޮއްސާލިފަދަ ގޮތެއްވިއެވެ. އިންތިހާއަށް ބިރުގަނެ ހިތް ހުއްޓޭފަދަ ގޮތެއްވެފައި މޫދަށް ދެލޯ ހުއްޓިފައިވީއިރު ފެނުނީ ފުން ހިމޭންކަމެވެ. ފިލްމެއްގެ މަންޒަރު ހިތަށް ފެނިގެން ދިޔައެވެ. މިޔަރެއް ނޫނީ މޮންސްޓަރއެއްފަދަ އެއްޗެއް ކުއްލިއަކަށް ކައިލަން ޖަހައިގަތީ ހެއްޔެވެ؟ އަނާ ބަލާކަށް ނުހުރެ މޫދަށް ފުންމައިލި ގޮތަށް ފީނައިގަތެވެ. ކައިލަން ފެންނާކަށް ނެތެވެ. އަނާ ކުދިކުދިވެފައިވާ ހިތަކާއިއެކު ކައިލަންގެ ނަމުން ގޮވާ ހަޅޭއްލަވައިގަންނަން ދޫ ހަރަކާތް ކުރަމުންގޮސް އެންމެފަހުން މަޑުމަޑުން ނަން ކިޔައިލެވުނެވެ.

"ކައި، ކައި....." އަނާ ބާރަކަށް ގޮވައިލިއިރަށް ކައިލަން ފަހަތުން އައިސް އަނާގެ ގާތުން ފެންގަނޑުން މައްޗަށް އަރާފައި އަނާގެ މޫނަށް ފެންތައް ބުރުއްސާލިއިރު އޭނަހުރީ ހެވިފައެވެ.

"ކައި ކީއްތަ އެކުރީ..." އަނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. ކައިލަންގެ ހިތް އާދަޔާ ޚިލާފަށް އަވަސްވެ ހައިރާންކަމާއި އެކުގައި ބަލަން ހުރެވުނީއެެވެ. ހަމަ ރަގަޅަށްވެސް އަނާ ވާހަކަދެއްކީ ހެއްޔެވެ؟ އުފަލުންގޮސް ކައިލަން މޮޔަވާވަރުވިއެވެ. ހެއްދެވި ފަރާތަށް ހިތާހިތުން ޝުކުރުކުރެވުނެވެ.ކައިލަން އުފަލުން ހިނިތުންވެލަމުން މާފަށް އެދުނުއިރު މަޑުމަޑުން އަނާގެ ކޮނޑުގައި އަތްތިލަ ބޭއްވިއެވެ. އެކަމަކު އެ ހާދިސާގެ ސަބަބުން އަނާ ވާހަކަދެއްކިކަން އެއީ ކާމިޔާބީއެކެވެ. ކައިލަން ގަސްތުގައި އެފަދަ ކަމެއްކޮށްލިކަމުން އަނާ އެންމެފަހުން އަނގަ ހުޅުވަން މަޖުބޫރުކުރުވައިފިއެވެ.

"އަހަރެން ބިރުގަންނަވާލެވުނީމަ ކައިއަށް މަޖާވަނީތަ؟ ކީއްވެ؟ ކީއްވެ އެހެން ކަންތައްކުރީ؟ އަހަރެން ހިތް ނުހުއްޓުނީ ހަމަ ކިރިޔާ، އަހަރެން މަރުވިޔަސް ކައިއަށް ހެޔޮ ދޯ....." އަނާ އެއްއަތުން ސިޑީގައި ހިފައިގެން ހުރެފައި ކުއްލިއަކަށް ކައިލަންގެ މޭމަތީގައި އަނެއް އަތުން ތަޅައިގަންނަމުން ރޯންފެށިއެވެ. ކައިލަން ހުރީ އަނާއަށް ދޫކޮށްލައިގެންނެވެ. އިރުކޮޅެއްވާންދެން އަނާގެ އެހަރަކާތްތަކަށް ބަލަން ހުރެލާފައި އެ އަތުގައި ހިފާލާފައި ސެޝަން ނިމިއްޖެކަމުގައި ބުނުމުން އަނާގެ މެޔަށް ނުބައި ގޮތެއްވިއެވެ. އޭރުވެސް ދުނިޔެއޮތީ ބަނަކޮށްކަމުގައި ވިޔަސް ވާރޭ ވެހޭކަށް ނޫޅެއެވެ. ދޭތެރެއަކުން ވައިރޯޅިތައް ބާރުވެލާފައި ސަފާރީ ކިރެންފަށައެވެ.

"އަދިވެސް ނުބުނަމެއްނު ރާޔާގެ މަރުގެ ސަބަބުން އަނާ ގިލްޓީވަނީ ކީއްވެކަމެއް؟ "ގެއަށް އައި މަގުމަތީގައި ކައިލަން އަހާލުމުން އަނާގެ ލޮލުން ކަރުނައިގެ މުތީތައް ފާޅުވުމުން ކައިލަން އަވަހަށް ވާހަކައިގެ މައުޟޫ ބަދަލުކޮށްލާފައި އެދުނީ މަންމައަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ.

"އައިމް މިއުޓް، އަދިވެސް މިކަން އިތުރުމީހަކަށް އެނގޭޭކަށް ނޭދެން...." އަނާ ތުންފަތުގައި ދަތްއަޅައިލިއެވެ.

"ކީއްވެގެންނޯ..." ކައިލަންއަށް ސިހުމެއްލިބުނެވެ.

"ކައި، އޭރަށް އަހަންނަށް ކައިއާއި މީޓް ވުމުގެ ފުރުސަތެއް ނޯންނާނެ، ޕްލީޒް މިއީ ސިކްރެޓަކަށް ހަދާދީ....." އަނާ އާދޭސްކުރާފަދަ ރާގަކަށް ބުނުމުން ކައިލަން ބޯ ޖަހައިލިއެވެ. އަނާ އެގޮތަށް އެދުނުކަމުގައި ވިޔަސް އަނާއަށް ވާހަކަދެއްކެން ފެށުމުން އެކަން ފޮރުވައިގެން ހުރުމަކީ ކައިލަން ދެކޭގޮތުގައި އެންމެ ބުއްދިވެރިގޮތެއްނޫނެވެ. ފަލަކްނާޒް އޭނައަށް ކުރާ އިތުބާރުވެސް ގެއްލިގެން ހިނގައިދާނެއެވެ. ނަމަވެސް އަނާ ބޭނުންވާގޮތަށް އެކަން ގެންދިޔުމަކީ އެކުއްޖާގެ ހައްޤެކެވެ.

އޮފީސް ބަންދު ދުވަހަށްވިޔަސް ރާހިލްއާއި އަލީސާ ކޮންމެެވެސް މަސައްކަތެއް ނިންމަން ތިބިއިރު ކައިރީގައި ހުރި ކޮފީތަށިވެސް ލަސްލަހުން ހުސްވަމުން ދިޔައެވެ. ރާހިލް ހާސްވެފައިވާރުން އަލީސާ އެކި ގޮތްގޮތަށް ސުވާލުކުރަން ފެށުމުން އަލީސާގެ އެހީ ހޯދަން ރާހިލް ނިންމިއެވެ. އޭނަގެ ހިތުގެ ހާލަތު އަލީސާގެ ކުރިމަތީގައި ބަންޑުން ޖަހައިލިއެވެ. އޭނަ އަނާދެކެ ލޯބިވާ ވަރާއި އެދޭތެރެއަށް ކައިލަން ވަދެގެން އަނާ ފޭރިގަންނަން އުޅޭތީ އެކަމާއި މޮޔަވާ ހިސާބަށް ހިނގައްޖެކަމަށް ބުނެފައި އަލީސާގެ އެހީއަށް އެދުނެވެ.

"ރާހިލް، އަހަންނަށްވެސް ވަނީ ވަރަށް ބޮޑު ލަނޑެއްލިބިފަ، އަހަރެން ހުރީ ރާހިލްގާތު މިވާހަކަ ނުދައްކަންކަމަށް، ކައި އަހަރެން ޑިވޯސްކުރީ...." އަލީސާ އަސަރާއިއެކު އެވާހަކަދެއްކިއިރު އަލީސާގެ ލޮލުގައިވެސް ވިދަމުން ދިޔައީ ހޫނު ކަރުނަތަކެވެ.

"އެލީ، ކޮންމެގޮތެއް ހަދާފައިވެސް ކައިލަން އެލީއަށް ފޯލްވާގޮތެއް ހަދާ، ޕްރެގްވޭ، އޭރުން ކައިލަންއަށް މަޖުބޫރުވާނެ އަލުން އެލީއާއި މެރީކުރަން، އަހަންނަށް މިކަން ކޮށްދީފިއްޔާ މިލިއަން ޑޮލަރު ދޭނަން އައި ޕްރޮމިސް، އަހަރެން ޑެސްޕެރޭޓްވެފައިވާރު އެލީގެ ހިތަކަށް ނުގެނެވޭނެ، އަހަންނަކީ މިކަހަލަ ކަންތައް އެހެން މީހުންނާއި ޝެއަރކުރާ މީހެއްވެސް ނޫން، އެކަމަކު.." ރާހިލް ދެވަނަ ކޮފީތަށި ތުނބުގައި ޖެހިއެވެ.

"ނޫން ރާހިލް، ރާހިލް ބުނި ކޮންމެ ކަމެއް ކޮށްދޭނަން އެކަމަކު އަގަކަށް ނޫން،މިހާރުވެސް ދުނިޔޭގެ އެހެން އެއްވެސް ފަރާތަކުން ނުލިބޭ ހެލްޕް ވެދޭތީ ޕޭބެކް ކުރާނެގޮތެއް ނޭގިފައި މިހިރީ، ޕްލަސް ކައިގެ މިޒާޖު ނޭގޭތީ ތިހެންބުނީ، އަހަރެން ހާދަ ޓްރައި ކުރީމޭ، އެކަމަކު އެހިލަ ހިތުގެ ވެރިޔާއަށް އަސަރެއްނުކުރި، ބަޓް ވައި ރާހިލް، ރާހިލްއަށް އަނާ ޕްރެގް ކުރަން މާ ފަސޭހަވާނެއްނު...." އަލީސާ ކުޑަދޮރުން ވާރޭ ވެހޭ މަންޒަރު ބަލަން އިނދެލާފައި ހީލިއެވެ.

"ޑޭމިޓް އެލީ، ތިއުޅެނީ އެނީ ހައްތަހާ އަހަރެންދެކެ ހޭޓްކުރާ ގޮތް ހަދަންތަ؟ ތިބުނީ ދާދި ފަސޭހަކަމެއް، މަންމަ އެހާވެސް ޓްރަސްޓްކުރޭ، އަހަންނާއި އެނީ އެކީގައި އުޅެން ކިތަންމެ ގިނަ ޗާންސްވެސް ލިބޭ، އަދި ޑްރަގްކޮށްގެން މިޝަން ކޮމްޕްލީޓްކުރުމަކީ ނޭވާލުންހާ ފަސޭހަކަމެއް، ބަޓް އެހާ ދަށް ފެންވަރަކަށް ވެއްޓިގަންނާކަށް ބޭނުމެއްނޫން، އެއީ ލޯތްބެއްނޫން ދޯ، ބޭނުމެއްނޫން އެނީއަށް ހާޓްވާކަށް، އެކަހަލަގޮތެއް ހަދައިގެން އެނީ ހޭޓްކުރަން ފަށައިފިއްޔާ ކެތެއްނުކުރެވޭނެ، އެނީދެކެ ލޯބިވާވަރު ބުނެދޭކަށް އަހަންނަށް ފަސޭހައެއްނޫން، އެލޯތްބަށްޓަކާ އަހަރެން މަރުވެސްވެދާނަން، އެހެންވެ އެލޯބި ހޯދަން އަހަރެން ބޭނުމީ ކައިލަން އެޕިކްޗަރއިން ދުރުކުރަން، ޔޫ ކެން ޑޫ އިޓް، އަހަރެން އެހީވާނަން..." ރާހިލް ވިސްނުމެއްގެ ތެރޭގައި އިނދެލާފައި ހިނިތުންވެލިއެވެ.

"ތިހާ ހެންޑްސަމް ޕާރފެކްޓް ބޮސްއެއް ވިލަންއެއްގެ ރޯލު ކުޅެން ނިންމީތަ؟ "އަލީސާ ދިމާކޮށްލިއެވެ.

"ޔޫ ނޯ ވަޓް އެލީ، ހަނގުރާމައާއި ލޯބީގައި ކޮންމެކަމެއް ހުއްދަވާނެ..." ރާހިލް އެއް ލޯ މަރައިލިއެވެ. ދެމީހުންވެސް ވަނީ ލޯބީގައި ނާކާމިޔާބުވެ ލޯބިވެރިޔާ ހޯދަން އިންތިހާއަށް ބޭނުންވެފައެވެ. ދެމީހުން ގުޅިގެން މަސައްކަތް ކުރަން އެހާ ބޭނުންވި ކަމެއް އައިހެން ހިޔެއްނުވެއެވެ. އެއީ ރާހިލްދެކޭ ގޮތުން ނުބައި މީހަކަށްވީއެއް ނޫނެވެ. ލޯބި ހާސިލު ކުރަން އޭނަ މިހިރީ ދުނިޔެއާއި ހަނގުރާމަކުރަން ތައްޔާރަށެވެ.

ރާހިލް އޮފީސް ނިންމާލާފައި އައިއިރުވެސް ފެންނަނީ ތާޒާކޮށެވެ. މުށިކުލައިގެ ގަމީހަކާއި ފަޓުލޫނެއްގައި ފެންނައިރު ސްމާޓްވެފައި ފިރިހެންވަންތަކަމުގެ އިންތިހާއެވެ. އޭނަ ވަންނަ ކޮންމެތަނެއްގައި ހަރުލަނީ ޖަހައިގެން ހުންނަ ސެންޓްގެ ލުއިވަހެވެ. ލޮލުގައިވާ ކަޅު ރޭބަން އައިނު ނަގާލާފައި ގެއަށްވަދެލިއިރު ގަސްތަކުގެ ތެރެއިން އަނާ ފެނުމުން އަމިއްލަ ބާރަކާއި ނުލައި ދެވުނީ އެދިމާލަށެވެ. އަނާ ފެނުމުން ހިތަށް އެވާގޮތެއް ބުނެދޭކަށް ނޭގެއެވެ. އަނާ ފޯނުގައި ހުރެފައި ކޮންމެވެސް އެއްޗެކޭ ކިޔާލާފައި އެނބުރުނުއިރު ކުރިމަތިން ރާހިލް ފެނުމުން ވަރަށް ސިހި މޫނުގެ ކުލަވަރު ބަދަލުވިއެވެ. ވައްކަމެއް ކުރަން ހުއްޓާ ފަޅާއެރުމުންވާނީ އެކަހަލަ ގޮތެކެވެ.

"އެނީ، ކިހާ ދުވަހެއްވެއްޖެ..."ރާހިލް ހަށަން ބަދެލިއެވެ.

"ވަޓް..." އަނާ ހާސްކަމާއިއެކު ކިޔާލިއެވެ.

"އަހަންނަށް ސިއްރުން އެހެން ކަންތައްކުރާގޮތަށް މިކަންވެސް ވެފައެއްނު މިއޮތީ، ނޫނީ އެކަނި އަހަންނާއި ވާހަކަ ނުދައްކަންތަ ތި ހުންނަނީ...." ރާހިލް އަނާގެ އަތުގައި ހިފަހައްޓާލިގޮތަކުން އަނާހުރީ އަތް ދަމައިގަންނަން ނުކެރިފައެވެ. ރާހިލް ކައިރީ ބޭޒާރުވީއެވެ. ކަރުދާހުގައި އަލިފާން ހިފާހާ ފަސޭހައިން ގޭގައި މިވާހަކަ ފެތުރޭނެއެވެ. ކައިލަން ސިއްރުކޮށްދިނަސް ރާހިލް މަންމައަށް ނާންގާ މަޑަކުން ނުހުންނާނެއެވެ.

"ޖަސްޓް.. އިއްޔެ....." އަނާ ޖެހިލުންވެފައި ހުރެ އެހެން ބުނެފައި ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. ރާހިލް ބުނެލި ލާނެތް ޖުމްލައެއް އިވިފައި އަނާ ދެލޯބޮޑުކޮށްލިތަން ފެނިފައި ރާހިލް ހޭންފެށިއެވެ. އަނާއަށް ރުޅިއަންނަންވެސް ނޭގުނީއެވެ. އެދުވަހު ފަހުން ރާހިލް ގެއަށް އައީ މާބޮނޑިއެއް ހިފައިގެންނެވެ. ރަތްކުލައިގެ އެ ބުކޭ ރީތިކަމުން އަނާގެ ހިތް އަތުލާހާވިއެވެ. ރާހިލް ދިނުމުން އެއްލާލާކަށްވެސް ނުކެރުނެވެ. އެހެންވެ ކޮޓަރީގައި ވާސްއެއްގައި ޖަހަން އިނދެލާފަައި އެނދަށް ވެއްޓިގަތެވެ. އޭނަގެ ކައިލަންދެކެ ލޯބިވާއިިރު ރާހިލްދޭ އެއްޗެއްގައި ހިފުމުން ކައިލަންއަށް ބޭވަފާތެރިވެވޭކަމުގައި ހީކުރެވި އަމިއްލަ ނަފުސްދެކެ ރުޅިއައެވެ. މިވާން އުޅޭގޮތެއް ނޭގިފައި ރުޅިގަދަވެގެން އެނދުގައި ދެފައިން ތަޅަން އޮތްވާ މީހަކު ދެފައިގާ އެކީ ހިފެހެއްޓުމުން ސިހިފައި ހަޅޭއްލަވައިގަތެވެ.

"ރާހިލް...." އަނާ އެނބުރުނުއިރުވެސް ލޮލުގައި ބިރުވެރިކަންވިއެވެ.

"ކުރީގެ އަނާއަށް މުޅިން ޗޭންޖްވަނީ ދޯ، ރުޅިއައީމަ އެނދުގައި ފައިން ތަޅަތަޅާފައި އުޅުނީމަ ކިހާ ކިއުޓް، ދެފަޔަށް ތަދެއްނުވޭތަ؟ ޔޫ އާރ މައިން، ވީއިރު މިފަޔަށް އަނިޔާކުރުމުގެ ހައްގެއް އެނީއަކަށްވެސް ނުދޭނަން..."ރާހިލް ފައިތިލަ އުނގަށްލައިގެން އިނދެލާފައި ބޮސްދިނުމުން އަނާ ލަދުން މަރުވާވަރުވިއެވެ. އަދި ބޮޑުވާ އިނގިލި ފައިގާ ހިންގަމުންދިޔަ ގޮތުން އަނާ ހާސްވިއެވެ. ރާހިލް މިއުޅެނީ ކޮންފާޑަކަށް ހެއްޔެވެ؟ އެފައި މިނިވަންކުރަން އޭނަ ކުރަންވީ ކޮންކަމެއް ހެއްޔެވެ؟ ވިސްނާލާފައި އަނާ ބުނީ ކޮލެޖްގަޑި ޖެހެނީކަމަށާއި ތައްޔާރުވާން ޖެހިއްޖެކަމުގައެވެ.

ރުޚުސާނާ އާއި ފަލަކްނާޒް ރަތްފިޔައިގެ ޓެރެސްގައި ސައިބޯން ތިބެފައި ރުޚުސާނާ ދިން ނުބައި ޚަބަރަކުން ފަލަކްނާޒް އަނބުރައިނުގަތީ ހަމަ ކިރިޔާއެވެ.

"ހަމަ ތެދެއްތަ ރުޚޫ، ކިރިޔާނު އަހަންނަށް މޮޔަކަމެއް ނުކުރެވުނީ..." ފަލަކްނާޒް ތުންފިތާލާފައި ހަށަން ބަދެލިއިރު ދެލޮލަށް ރުޅިވެރިކަމުގެ ރަތްކުލަ ވެރިވެއްޖެއެވެ.

"ފަޒީލް ކައިރިން ފަލަކް އަމިއްލައަށް އަހާބަލަ، އޭނަ މިހުރިހާ ދުވަހު ބަލަ މަށަށްވެސް ސިއްރުކޮށްގެންނޭ ހުރީ، ލަދުކަންފުޅެއްވެސް ނެތެއްނު އެމީހާގެ ދަރި މަ ލައްވާ ބަލުވަން ޖެއްސިކަން، އެކަމަކު މިއޮތީ އެދުވަސް ފެނިފައި، ނިކަން ރީތިކޮށް އޭގެ ބަދަލު ފަޒީލްއަށް ދޭނަން..." ރުޚުސާނާގެ ތުންފަތަށް ވެރިވީ ފަތަޙައިގެ ހިނިތުންވުމެކެވެ. އެހާ ބޮޑު ސިއްރެއް ފަޒީލް އޭނައަށް ފޮރުވައިގެން އުޅުނުގޮތަކާއި މެދުވެސް އޭނަ ހައިރާންވެ އަންތަރީސްވިއެވެ. ދެމީހުން ސިއްރުން ވާހަކަތައް ދައްކަން ހީހީ ތިބިއިރު އަނާ އުޅޭ ނޫޅޭގޮތް ފަލަކްނާޒް ދޭތެރެއަކުން ބަލައެވެ. މިވީގޮތުން ސިކިއުރިޓީ ބޭނުންވަނީ އެކަނި ރާހިލްއަކަށް ނޫނެވެ. އަނާއަށްވެސް ހިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމަގޮތުގައި ދޭން އޭނަ ނިންމިއެވެ. ދެމީހުން އިތުރުކަމަކަށްވެސް ސައްލާކުރިއެވެ. ޖިޔާންއާއި މިސްކުގެ ކައިވެނި އަވަސްކޮށްލުމަށެވެ. އޭރުން ރުޚުސާނާގެ ބޮލުން ދާއިމީ އެއް ރިހުން ފިލައިގެން ހިނގައިދާނެއެވެ.

ކައިލަން ޒާޔަލްގެ ގެއަށް ވަންތަނާހެން ވާރޭ ބޯކޮށްލި އަޑު އިވުނެވެ. ވާރޭ މޫސުމަށް ލޯބިކުރާވަރުން އެހެންމީހުން ފަދައިން ފެންބޮޑުވަނީއޭ ކިޔައިގެން ކައިލަން ޝަކުވާއެއް ނުކުރެއެވެ. ކުޑައިރުއްސުރެން ވާރެއަކީ އޭނަގެ އެކަނިވެރިކަން ފިލުވައިދޭ ބަައިވެރިއެކެވެ. ކުޑަކޮށް ތެމިފައިވާތީ ފިނިވެ ހޫނު ކޮފީއަކަށްވެސް ބޭނުންވިއެވެ. އިތުރުގަޑީގައި އޭނަ އެހެން ކްލިނިކެއްގައި މަސައްކަތްކުރަނީ ފައިސާ ބޭނުންވާ ވަރުންނެވެ. އެތެރެއަށް ވަންއިރު ގޭގައި ދުވަނީ ފަރާޓާ ފިހޭ މީރުވަހެވެ.

"ކައި، ރޭގަނޑަށް ކާން މި ތައްޔާރުކޮށްލަނީ، ކޮފީތަ ސައިތަ؟ "ޒާޔަލް ގޮވައިލުމުން ކައިލަން މޭޒުު ކައިރިއަށް ޖެހިލިއެވެ. ޒާޔަލް އަމިއްލައަށް ކައްކާތީ ކައިލަން ހަމްދަރުދީވާފަހަރު އާދެއެވެ. އޭނައަށް އެކަހަލަ ކަންތައް ކުރަން ނޭގޭތީ އޭނަ ޖެހެނީ ދޭތެރެއަކުން ހޮޓަލުން ކާ އެއްޗެހި ގެނުވާށެވެ. ޒާޔަލް އެކަމާ ކިތަންމެ ވަރަށް މައްސަލަ ޖެއްސިޔަސް އަަބަދު ޒާޔަލްގެ އަތުން ކައްކުވައިގެން ކައިގެން ހުންނަން ކައިލަންގެ ހިތް ހަމައެއްނުޖެހެއެވެ.

"އަހަންނަށްވެސް ކޮފީއެއް ހަދައިލެވިދާނެ ޒިޔާ، ކޮބާތަ މަންމަ...." ކައިލަން ކޮފީ ޕެކެޓް ނަގައިގެން ކޮފީ ހަދަން އުޅެގަތެވެ.

"މަންމަގެ ހުރޭ ނަދީހާ ކިޔާ ކޮއްކޮއެއް، އެ ދައްތަ މިހާރު ރެސްޓޯރެންޓެއް ހުޅުވައިގެން އެތާ މަންމަވެސް މަސައްކަތް ކުރަން ފެށީ، މަންމަ ގާތު ބުނިން މަންމަ ނުޖެހެޔޭ ވޯކްކުރާކަށް، މަންމައަށްޓަކައޭ ކިޔެވީ، ބުންޏަސް އެނގެއެއްނު މަންމަގެ ގޮތް، މަންމަ ބުނީ މިހާރު ޑޮކްޓަރަކަށްވީމަ ތިމަންނަގެ މަންމައަކީ ތަނެއްގެ ވޭޓަރެކޭ ބުނަން ލަދުގަންނަނީހޭ، މަންމަ އަކީ ކޮންމެ މީހަކަށްވިޔަސް އަހަރެން ލަދެއްނުގަނޭ...." ޒާޔަލް ވާހަކަދެއްކިއިރު މޭޒުމަތީގައި ތަށިތައް އަތުރާލައިފިއެވެ.

"ބަޓް މަންމައަކީ މޮޔަ ޒޫނީއޭ މީހުން ކިޔާތީ އެކަމާ ވަރަށް ދެރަވޭ......" ޒާޔަލްގެ ދެލޮލުން އެވަގުތު ކަރުނައިގެ އަސަރު ފެނުނުހެން ހީވިއެވެ. ކައިލަންގެ ހިތަށް އުދަގޫވިއެވެ. އޭނަގެ ދުލުން ހާމަނުކުރިކަމުގައި ވިޔަސް މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. އެހާ ރަގަޅު ޒިންމާދާރު ފިރިހެންދަރިން މަދުވާނެއެވެ. އަދި މިހާރަކަށް އައިސް ޒާޔަލް ކުރާ ހިތާމަތައް ގުޅިފައިވަނީ މިސްކުއާއިއެވެ. މިސްކު ސިއްރުން ޖިޔާންއާއި ގުޅިގެން އުޅޭތަން ފެނިފައި އޭނަ މިސްކުއަށް ވިސްނައިދޭން ކުރި މަސައްކަތް ވެފައިވަނީ ބޭކާރެވެ. ޒާޔަލް އެކަން ނުފެންނަކަމަށް ހަދައިގެން ހުއްޓަސް އެއްދުވަހު ކައިލަންއާއި ޒާޔަލް އެކީގައި ދަނިކޮށް ޖިޔާންއާއި މިސްކު އެކީ ރެސްޓޯރެންޓަކަށް ވަންތަން ފެނިފައިވެއެވެ. ޒާޔަލް ފަހުން އުޅުނުގޮތުން އެކަމާއި ހާސްވެފައިހުރިވަރު ކައިލަންއަށް ގާތުން ފެނުނެވެ. މީހުންގެ ސިކުނޑީގައިވާ ކަންތައް އެނގުމުގެ ބާރު ލިބިފައި ނުވިޔަސް ކައިލަންއަށް އިހުސާސްތައް ދެނެގަތުމުގައި ވަރަށް ކާމިޔާބެވެ.

"މީހުން ކިޔާ އެއްޗަކަށް ބަލައިގެން ދުނިޔޭގައި ނޫޅެވޭނެ އިނގޭ، ބީ ޔޯރސެލްފް ބްރޯ......" ކައިލަން ކޮފީހަދާފައި އެއް ތަށި ޒާޔަލް ކައިރީގައި ބަހައްޓާފައި އިށީނދެލިއެވެ. ކައިލަންގެ ހިތުގައި އުފެދުނުހާ ޝަކުވާއެއް އުފެދުނީ ރުޚުސާނާއާއި މެދުގައެވެ. ރުޚުސާނާ ބާރުނޭޅިނަމަ ފަހަރެއްގައި މިއަދު މިސްކު އިންނާނީ ޒާޔަލްގެ އަންބެއްގެ ގޮތުގައެވެ. އެންމެ ރަގަޅެވެ. އޭނައަށް ކޮއްކޮއަށް ވިސްނާދެވިއްޖެއެވެ. އެވަރުންވެސް ޖިޔާން ހަޔާތުގެ ބައިވެރިޔަކަށް ހަދަން މިސްކު ނިންމައިފިނަމަ އެކަމާ ކައިލަން ކުރާނެކަމެއްނެތެވެ. މަންމަވެސް އެހެރީ ފަލަކްނާޒްގެ ދަރިއަކު ދަނބިދަރިއަކަށް ހަދަން ކެތްމަދުވެފައެވެ. މުއްސަދިކަމަކީ ހުރިހާ އުފަލެއް ބާވައޭވެސް ކައިލަންގެ ހިތަށް އަރައެވެ. އޭނައާއި އަނާގެ ލޯތްބަށް އަތުވެދާނެ ހުރަހަކާއިމެދު ވިސްނާލާން މަޖުބޫރުވެއްޖެއެވެ.

"ޒިޔާ، އަހަންނަށް އަދި މިވާހަކަ ޒިޔާ ކައިރިއަކު ނުބުނެވެއެއްނު، މަންމަކަމުގައި މިހުރިހާ ދުވަހު ދެކެމުންއައި ރުޚުސާނާއަކީ އަސްލު މަންމައެއް ނޫނޭ....." ކައިލަން އޭނަގެ ބައްޕަދެއްކި ވާހަކަތައް ޒާޔަލްގެ ކަންފަތާއި ހަމަޔަށް ފޯރުކޮށްދިނުމުން ޒާޔަލް ހައިރާންވިއެވެ.

"ކައިގެ މަންމައަކީ ދެން ކާކުތަ؟ " ޒާޔަލް އޮޅުން ފިލުވަން ބޭނުންވިއެވެ.

"މަންމަ އަހަރެން ކުޑައިރު އެއްލާލާފަ ދިޔައީޔޯ، ބައްޕަ ބޭނުމެއްނުވި އެމީހަކު އަންގާކަށް....." ކައިލަން އަދި މަޑުން މިހިރީ އޭނަގެ އަމިއްލަ ނަފުސަށްވެސް ވަގުތު ދީގެންނެވެ. އޭނައަށް ވިސްނޭ ގޮތުން އޭނަގެ މަންމަވެސް ވާނީ ރާއްޖެތެރޭގެ މީހަކަށެވެ. ނޫނީ ބައްޕަ ދޫކޮށްލާފައި މުއްސަދި މީހެއްގެ ފަހަތުން ދިޔައީ ނޫންކަމެއްވެސް ނޭގެއެވެ. މަންމަގެ ދަރިން އެބަތިބިބާވައެވެ. އޭނައަށް ވީގޮތެއް ބަލައިލަންވެސް މަންމަ ބޭނުމެއްނުވީ ހެއްޔެވެ؟ ވީއިރު އޭނަ މަންމަ ހޯދަން ދާން ޖެހޭނެހެއްޔެވެ؟ އެހިސާބަށް ވާހަކަދިޔަތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ.

"މަންމަތަ؟ " ކައިލަން ހިސާބަަކަށް ކަންބޮޑުވެފައި އަހާލިއެވެ. ޒާޔަލް ބުނީ އޭނަގެ މަންމަ އަތުގައި ތަޅުދަނޑި އޮންނާނެކަމަށާއި އެވާނީ ކޮންމެވެސް އެެހެން މީހެއް ކަމަށެވެ.

(ނުނިމޭ)