20 May 2015, 22:40
ލައިސެންސް ނެތި ކާރު ދުއްވައިގެން ރެއާލް މެޑްރިޑްގެ ފްރާންސް ފޯވަޑް ކަރީމް ބެންޒެމާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މެޑްރިޑްގެ ސިޓީ ޕޮލިސްގެ ބެލުމުގެ ދަށަށް ބެންޒެމާ ގެންދިޔައީ މެޑްރިޑްގެ ބަހާރާސް އިންޓަނޭޝަނަލް އެއާޕޯޓް ސަރައްހައްދުގައި ޓްރެފިކް ބަލަހައްޓަމުން ދިޔަ ފުލުހުން އޭނާގެ ކާރު މަޑުކޮށް ލައިސެންސް އޮތްތޯ ޗެކް ކުރުމުގެ ގޮތުން ބެލިބެލުމުން އޭނާއަތުގައި އެވަގުތު ލައިސެންސް ނެތުމުންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދެވުނަސް އޭނާ ހައްޔަރެއް ނުކުރެއެވެ.
އެވަގުތު ފުލުހުން ވަނީ އޭނާގެ ކާރު ހުއްޓުވައި ވަގުތުކޮޅަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ކާރު ގެންގޮސްފައެވެ. އޭނައާއެކު ކާރުގައި އިން އޭނާގެ ރަހުމަތްތެރިއެއްގެ އަތުގައި ލައިސެންސް އޮތުމުން ފުލުހުން ވަނީ ކާރު ދުވުމަށް ބެންޒެމާގެ ރަހުމަތްތެރިޔާ ގާތު ބުނެ ދޫކޮށްލާފައެވެ.
މީގެ ކުރިންވެސް ޓްރެފިކް ފުލުހުން ވަނީ ބެންޒެމާއަށް ފިޔަވަޅު އަޅާފައެވެ.
އެއީ ދުއްވަން ކަނޑައެޅިފައިވާ ބާރު މިނަށް ވުރެ ސްޕީޑް ބާރުކޮށް 2013 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު ކާރު ދުއްވުމުންނެވެ. އެފަހަރު ފުލުހުން ވަނީ 18000 ޔޫރޯއިން ޖޫރިމަނާކޮށް އޭނާގެ ލައިސަންސް 18 މަސް ދުވަހަށް ސަސްޕެންޑްކޮށްފައެވެ.
އުމުރުން 27 އަހަރުގެ ފޯވަޑަށް ވަނީ މިސީޒަންގެ ފަހުކޮޅުގައި އަނިޔާގެ ސަބަބުން އަސްލު ކުޅުން ދެއްކޭ ގޮތް ނުވެފައެވެ. ނަމަވެސް ސީޒަންގެ ކުރީ ކޮޅު އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިސީޒަންގައި 46 މެޗް ކުޅެފައިވާއިރު އޭނާ ޖަހާފައިވަނީ 22 ލަނޑެވެ.