20 May 2015, 21:13
ރާއްޖެއިން ހައްޖަށްދާ މީހުންނަށް ދަތުރުފަތުރުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ދިނުމުގެ އެއްބަސްވުންތަކެއްގައި ސައުދީ ސަރުކާރާ އެކު ސޮއިކޮށްފި އެވެ.
ސައުދީ އަރަބިއްޔާގައި ސޮއި ކުރެވުނު އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ސައުދީގެ ރިޔާދްގައި ހުންނަ ރާއްޖޭގެ އެންބަސީގެ ޑެޕިއުޓީ އެމްބެސެޑަރު އުސާމާ މުހައްމަދު ރަޝީދެވެ.
ފޮރިން މިނިސްޓްރީން ބުނީ ސޮއި ކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި މަދީނާގައި ހައްޖުވެރިންނަށް ބޭނުންވާ ކަންތައްތައް ހަމަޖައްސައިދިނުމުގެ އެއްބަސްވުމަކާއި ދިވެހި ހައްޖާޖީންނަށް މައްކާގައި ޓެންޓު ޖަހައިދިނުމުގެ އެއްބަސް ވުމެއްގެ އިތުރުން މައްކާގައި އެއްގަމު ދަތުރުފަތުރު ކުރުމުގެ އެއްބަސްވުމަކާއި ޖިއްދާގައި ލޮޖިސްޓިކް އެހީ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ހައްޖާ ގުޅޭ އެއްބަސްވުންތަކެއްގައި ސައުދީން ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާއިރު ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް އިތުރު 1000 ކޯޓާ ވަނީ ދީފައެވެ. އެހެންކަމުން މިހާރު ސައުދީން ރާއްޖެއަށް ދީފައިވާ ކޯޓާގެ އަދަދު ވަނީ 2000 އަށް އަރައިފައެވެ.