20 May 2015, 21:01
ޕެންޝަން ސްކީމްގައި، ޚާއްސަކޮށް ދޮށީ އުމުރުގެ ރައްޔިތުންނަށް ޕެންޝަން ދިނުމުގައި ރާއްޖެ ވަނީ އޭޝިއާގެ އެންމެ ކުރީގައި ހިމެނޭ ގައުމުތަކާ އެެއް ހިސާބެއްގައި ކަމަށް ވޯލްޑް ބޭންކުގެ ލީޑް އިކޮނަމިސްޓް އަނީތާ ޝްވާޒް ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޕެންޝަން އޮފީހުން މިއަދު ކުުރުނބާ މޯލްޑިވްސްގައި ބޭއްވި ފައިނޭންސް ފޯރަމް 2015ގައި ވާހަކަ ދައްކަވަމުން އަނީތާ ވިދާޅުވީ، ފުރިހަމަކަމާއި އެކު ޕެންޝަން ދިނުމުގައި ރާއްޖޭން ވަނީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއްް ހޯދާފައި ކަމަށެވެ.
" ހަ އަހަރު ތެރޭ ރާއްޖެ ވަނީ ވަރަށް ބޮޑު ކާމިޔާބީ އެއް ހޯދާފައި. ޕެންޝަން ސްކީމަށް ފައިސާ ދައްކާ މީހުންވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. އަހަރެން މަރުހަބާ ކިޔަން މި ކާމިޔާބީއަށް،" އަނީތާ ވިދާޅުވިއެވެ.
މިއަދު ހެނދުނުން ފެށިގެން ހަވީރަށް ކުރިއަށް ގެންދިއަ ފައިނޭންސް ފޯރަމްގައި ވަނީ ރާއްޖޭގެ ބޮންޑް މާކެޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ޕެނަލް ޑިސްކަޝަނެއް ބާއްވައިފައެވެ.
ރެޖިސްޓްރާ އޮފް ކޮމްޕެނީސް ހުށަހަޅުއްވާދެއްވި މި ޑިސްކަޝަންގައި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނައްވަރާއި ސީއެމްޑީއޭގެ ސީއީއޯ އަހުމަދު ނަސީރު ވާހަކަދެއްކެވިއެވެ. މީގެ އިތުރުން މި ޑިސްކަޝަންގައި ވޯލްޑް ބޭންކުގެ އިކޮނަމިސްޓް އަނީތާ އާއި ބޫޓާންގެ ޕެންޝަން ފަންޑުގެ އިސްބޭފުޅަކު ބައިވެރިވަޑައިގެންނެވިއެވެ.

ފައިނޭންސް ފޯރަމްގައި ބޭއްވި ޕެނަލް ޑިސްކަޝަން -- ސަން ފޮޓޯ: އަލީ ނަސީރު
އެ ފޯރަމް ނިންމާލުމަށް ފަހު މީޑިއާ އާއި ވާހަކަ ދައްކަވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ފޯރަމެއް ކަމަށެވެ.
މި ފޯރަމްގައި މުހިއްމު ޚިޔާލުތަކާއި މަޝްވަރާތައް ލިބިފައިވާ ކަމަށް މަނިކު ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް އެ އޮފީހުން ތައާރަފްކުރަން ނިންމާފައިވާ ހައުސިން ސްކީމާއި ޑިސެބިލިޓީ ސްކީމް ވަރަށް ބޮޑަށް ބަލައިގެންފައި ވާކަމަށް މަނިކު ވިދާޅުވިއެވެ.
ޑިސެބިލިޓީ ސްކީމަކީ މުވައްޒަފުންނަށް ވަަރަށް ބޭނުންތެރި ސްކީމެއް ކަމަށް މަނިކު ވިދާޅިުވިއެވެ.
" ވަޒީފާގަ ހުއްޓާ ލިބޭ ގެއްލުމެއް ފޫބެއްދުމުގެ ގޮތުން އެމީހުންނަށް އޭގެ ފަހުން [ އެ ލިބޭ ގެއްލުމަށް ފަހު] އޭނަ އަށް އުޅެވޭނެ ގޮތެއް ހެދުމަކީ، މި ސްކީމްގެ މަގުސަދު" ކަމަށް މަނިކު ވިދާޅުވިއެވެ.
މީގެ އިތުރުން ޕެންޝަން ފަންޑުގައި ހުރި ފައިސާ ރަހުނުކޮށްގެން ގެއެއް ނުވަތަ ފްލެޓެއް ގަންނަށް ބޭނުންވާ ފަރާތަށް އެ ފުރުސަރު ބޭންކް މެދުވެރިކޮށް ލިބޭނެ ހައުސިން ސްކީމެއް ވެސް ޕެންޝަން އޮފީހުން ދަނީ ފަރުމާކުރަމުންނެވެ. މި ސްކީމްގެ ދަށުން ގެއެއް ނުވަތަ ފްލެޓް ގަންނަށް ބޭނުންވާ ފަރާތަށް ލޯނު ދޫކުރާނީ ބޭންކުންނެވެ. ޕެންޝަން އޮފީހުން ކޮށްދޭނެ ކަމަކީ ޑައުންޕޭމެންޓަށް ދައްކަންޖެހޭ ވަރަށް ގެ ގަންނަށް ބޭނުންވާ މީހާގެ ޕެންޝަން ފަންޑްގައި ފައިސާ ހުރި ނަމަ ބޭންކަށް އެ ފައިސާ ރަހުނުކޮށްދެނީއެވެ. އެހެންވުމުން ބޭންކަށް ބަރާބަރަށް ފައިސާ ނުދައްކާނަމަ ޕެންޝަން ފަންޑުން ބޭންކަށް ފައިސާ ދައްކާނެ ކަމުގެ ޔަގީންކަން ދޭނެއެވެ.
ފައިނޭންސް ފޯރަމް 2015 ނިންމުމަށްފަހު ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ: އަލީ ނަސީރު
މި ދެސްކީމް ފަރުމާކުރުމުގެ މަސައްކަތް ޕެންޝަން އޮފީހުން މިހާރު ދަނީ ކުރަމުންނެވެ. މި ދެސްކީމް ފައިނަލް ކުރުމަށް ސަރުކާރާއި ބޭންކްތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާ ކަަމަށް މަނިކު ވަނީ ފޯރަމްގައި ވިދާޅުވެފައެވެ.
މިއީ ޕެންޝަން އޮފީހުން މި ފޯރަމް ބާއްވާ ހަތަރު ވަނަ އަހަރެވެ. ރާއްޖޭގެ ޕެންޝަން ފަންޑްގައި މިހާރު 3.5 ބިލިއަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ އެބަހުރި ކަމަށް ޕެންޝަން އޮފީހުން ބުނެ އެވެ.