މި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހިމަނައިގެން ސަރުކާރާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ހުށަހަޅައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ސިޔާސީ ނުތަނަވަސްކަން ހައްލު ކުރުމަށްޓަކައި ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރުމަށް ސަރުކާރުން ނިންމުމުން އެކަމަށް މަރުހަބާ ކިޔާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ އިމްރާންގެ އިތުރުުން މަޝްވަރާތަކުގައި އެ ޕާޓީ ތަމްސީލުކުރައްވާނީ އެ ޕާޓީގެ ނައިބު ރައީސް ޑރ. މައުރޫފް ހުސެއިނާއި ސެކްރެޓެރީ ޖެނެރަލް މުހައްމަދު އިޔާދު ހަމީދާއި އިލްމުވެެެރިންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ދީދީ އާއި ދިރާސާކުރުމާ ބެހޭ ކޮމެޓީގެ ރައީސާ ޝިދާތާ ޝަރީފު ކަމަށެވެ.

"އަދި ގައުމުގައި މިވަގުތު އުފެދިފައިވާ މައްސަލަތައް ހައްލު ކުރެވޭނީ އަދާލަތު ޕާޓީއާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީއާ ޖުމްހޫރީ ޕާޓީއާ އެކު ސަރުކާރާއެކު އެއް މޭޒެއްގެ ދޮށުގައި ތިބެ މަޝްވަރާކޮށްގެން ކަމުގައި މި ޕާޓީން ދެކެމެވެ." އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދާލަތު ޕާޓީއާއެކު މަޝްވަރާ ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަޒީރުންނަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އާއި ހައުންސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމެވެ.

ސަރުކާރާއެކު މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީން ހުށަހަޅާފައިވާ ނަންތަކާ އެކު އެޕާޓީން މިއަދު ވަނީ ރައީސް ޔާމީނަށް ސިޓީއެއް ފޮނުވާފައެވެ.

ސަރުކާރާއެކު މަޝްވަރާ ކުރުމަށް އަދާލަތުން ނަން ހުށަހަޅާފައިވާއިރު ޖުމްހޫރީ ޕާޓީން (ޖޭޕީ) ވެސް ވަނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް ސަރުކާރުން ހުށަހެޅި ދައުވަތު ގަބޫލުކޮށްފައެވެ. އެޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންނަކީ ޕާޓީގެ ނައިބު ލީޑަރު އަމީން އިބްރާހީމާއި ނައިބު ލީޑަރު އިލްހާމް އަހްމަދާއި ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއުރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރި ދާއިރާގެ މެމްބަރު ހުސައިން މުހައްމަދެވެ.

އިދިކޮޅު އެމްޑީޕީން ބުނީ ސަރުކާރާއެކު މަޝްވަރާ ކުރުމަށް އެޕާޓީން ދެކޮޅު ނުހަދާނެ ކަމަށެވެ. އެހެންނަމަވެސް މަޝްވަރާގައި ސަރުކާރުގެ އިހުލާސްތެރިކަން އޮތީ ކިހާވަރަކަށްތޯ އެޕާޓީން ވަނީ ސުވާލު އުފައްދާފައެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރުމަށް ދެ ވަނަ ފަހަރަށް ގޮވާލި އިރު އެކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތްތޯ ސުވާލު ކުރުމުގެ ޖާގައެއް ނެތް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް ހައްލު ހޯދަން ބޭނުން ވަނީ ކޮން ކަމަކާތޯ ސަރުކާރުން ބަލަން ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަންތައްތައް އެނގުމުން އިހުލާސްތެރިކަން އޮތް ބައެއް ރައްޔިތުންނަށް ހާމަވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.