ތުލުސްދޫން: ހުސައިން ހަސަން

ތުލުސްދޫގައި މިއަދު ގާއިމް ކުރި މާލެ އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފުލުހުން އެދެމުންދާ ކަމަށާއި އަނެއްކާ ވެސް ފުލުހުން ނުކުމެ ކައުންސިލް އިދާރާ ހިސާރަކޮށްފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ކ. ތުލުސްދޫގެ ހާލަތު އަނެއްކާ ވެސް ބަދަލުވަމުންދާތީ، އެކަމާ ބެހޭ ގޮތުން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު މިރޭ ވިދާޅުވީ ފުލުހުން އަނެއްކާ ވެސް މަސައްކަތް ކުރަމުން ދަނީ އަތޮޅު ކައުންސިލްގެ އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމުގެ ބޭނުމުގައި ކަމަށެވެ. އަދި ކައުންސިލްގެ މެންބަރުންނާ ފުލުހުންނާ ދެމެދު މިއަދު ހަވީރު ގަޑިއެއްހާއިރަށް ދިގުދެމިގެން ދިޔަ ވާހަކަތަކުގައި ފުލުހުން އެދިފައި ވަނީ ވެސް ކައުންސިލްގެ އިދާރާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ހަވީރު ފުލުހުންނާއި ކައުންސިލަރުންނާ ދެމެދު ދެކެވުނު ވާހަކަތަކީ އެއްވެސް ހާލެއްގައި ސިއްރު ވާހަކަތަކެއް ނޫން. ފުލުހުން އަނެއްކާ ވެސް އެދެމުންދަނީ އެ ބޭފުޅުންގެ އަތްދަށަށް ކައުންސިލްގެ އިދާރާ ގެނައުމަށް. ދެން އަޅުގަނޑަށް މިހާރު ހީވޭ އަނެއްކާ ވެސް ފުލުހުން ނުކުމެ އިދާރާ ހިސާރަކޮށްފާނެ ކަމަމާ މެދު."
ސައީދު ވިދާޅުވީ ރަށު ކޯޓުން ކޮށްފައިވާ އަމުރަށް ފުލުހުން ކިޔަމަންވެ، ބޯ ލަބާ މަންޒަރު އަދި ފެނިގެން ނުދާ ކަމަށެވެ.

"ފުލުހުން އެދޭ ކަންތައްތަކުން އަޅުގަނޑުމެންނަކަށް ނުފެނޭ ކޯޓް އަމުރަށް އެ ބޭފުޅުން ކިޔަމަންވާތަނެއް."

ފުލުހުން ބުނީ އެބޭފުޅުން ތުލުސްދޫގައި ހަރަކާތްތެރިވަމުން އަންނަނީ ހޯމް މިނިސްޓްރީން އަންގަވާ ލަފަޔާއި އިރުޝާދުގެ ދަށުން ކަމަށާއި އެއީ ދައުލަތުގެ މުދާ ރައްކާތެރިކޮށް، ހަމަނުޖެހުމަކަށް ފުރުސަތު ނުދިނުމުގެ ބޭނުމުގައި ކަމަށެވެ.