މިމަހުގެ އެއްވަނަ ދުވަހގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ތިން މީހަކު ހޯދަން އިއުލާން ކޮށްފިއެވެ.

ފުލުހުން މިއަދު ފޮޓޯއާ އެކު ހޯދަން އިއުލާން ކޮށްފައި ވަނީ ގ.ލަންކާ، އަބްދުﷲ މުފީދު،36، އާއި މ.ކުޑަވެޔޮމަތީގޭ، އަހްމަދު މިއުދާން ހަމީދު،25 ގެ އިތުރުން ސ.ހުޅުދޫ، އިރުވައި، އަހްމަދު އުނައިސް،32 އެވެ.

އެމީހުން އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް ގޮތަކުން އެމީހުންނާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

"މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު ދަންނަވަމެވެ،" ފުލުހުން ބުންޏެވެ.