20 May 2015, 18:46
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރި މައްސަލާގައި 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ މިއަދު ގޮވާލައްވައިފި އެވެ.
މިއަދު ހަވީރު މޫކައި ސުއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ވިދާޅުވީ ކަނޑައްތުކުރަން ހުރި މަގުތައް ކަނޑައްތު ނުކޮށް އެކަމަށް އެހެން ހައްލެއް ހޯދައި ދިނުމަށް ގޮވާލުމަކުން އެއްވެސް ހައްލެއް ނުލިބޭނެ ކަމަށެވެ.
"މައިގަނޑު ގޮތެއްގައި އަޅުގަނޑު ސަމާލުކަމަށް ގެންނަން ބޭނުންވާ ނުކުތާ އަކީ މިއަދު ރައީސް ނަޝީދުގެ މައްސަލަ އިސްތިއުނާފު ކުރުމަކީ ކޮންމެހެން އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް. އެކަން އަވަހަށް ކުރުމަށް އަޅުގަނޑު ރައީސް ނަޝީދުގެ ގާނޫނީ ޓީމަށް ވެސް ގޮވާލަން،" އަލްހާން ވިދާޅުވި އެވެ.
މިބައްދަލުވުމުގައި "ސަން" އިން ދެންނެވި ސުވާލެއްގެ ޖަވާބުގައި އަލްހާން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ކަންކަން ފުރިހަމަ ކުރުމަށްފަހު ނޫނީ ރައީސުލްޖުމްހޫރިއްޔާ އަށް ހައްލު ހޯދައިދެވެން ނެތް ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ އެ ވާހަކަފުޅަށް ތާއީދުކުރައްވާ ކަމަށް ވެސް އަލްހާން ވަނީ ވިދާޅުވެފައެވެ.
"އިސްތިއުފާނުކޮށް އެކަމަށް [ރައީސް ނަޝީދުގެ މައްސަލައަށް] ހައްލެއް ހޯއްދަވައި ދެއްވުމަށް އެބައޮވޭ ރައީސް ޝީދު އެދިލައްވާފައި. އެކަމާ ގުޅޭގޮތުން ދަންނަވާލަން ބޭނުންވަނީ މިއަދު ދިވެހިރާއްޖޭގެ އެގްޒެކެޓިވް އޮތޯރިޓީ އަކަށް އެހުންނެވީ. ރައީސް ޔާމީން މި ދަންނަވަނީ ދެން ތިމަންނައަށް އޮތް އޮތޯރިޓީއަކީ މައާފުކުރުން ކަމަށް ވަންޏާ މައާފު ކުރުމާ ހަމައަކަށް ނުދާނަމޭ، ދެން ތިފަރާތުން [ރައީސް ނަޝީދުގެ ފަރާތުން] ނިންމަން ޖެހޭ ބައި ފުރިހަމަ ނުކުރަނީސް،" އަލްހާން ވިދާޅުވި އެވެ.
މުލިއާގޭގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ ކޯޓަކުން މީހަކަށް ލިބޭ އަދަބަކީ ބޮޑު އަދަބެއް ކަމަށް ދެކޭ ނަމަ އެ މައްސަލައެއް އިސްތިއުނާފު ނުކޮށް ރައީސުލްޖުމްހޫރިއްޔާއާ ހަމައަށް އަޔަސް ރައީސަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.
"ލިބޭ އަދަބަކީ ފަހަރުގައި ވެދާނެ ބޭއިންސާފު އަދަބެއް ކަމަށް. އެހެންކަމަށް ވަންޏާ އެކަން ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ހަމަ އިސްތިއުނާފުގެ މަރުހަލާތައް ހިޔާރުކުރުން. އޭގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. ރައީސަށް އެކަމުގައި ކަމެއް ކޮށްދެވެން މަރުހަލާ ފެށޭ ހިސާބަކީ އިސްތިއުނާފުގެ މަރުހަލާ ނިމޭ ހިސާބު،" ރައީސް ޔާމީން ވިދާޅުވި އެވެ.