އެމްޑީޕީ ޒިންމާވާގޮތަށް އަންނަ މަހު 12 ވަނަ ދުވަހު ބޮޑު އެއްވުމެއް ބާއްވާނެ ކަމަން އިދިކޮޅު ފަރާތްތަކުން އިއުލާނުކޮށްފި އެވެ.

އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވީ އެ އެއްވުމާ ގުޅިގެން މިއަދުން ފެށިގެން ތަފާތު ހަރަކާތްތަކެއް ހިންގާނެ ކަމަށެވެ. އެގޮތުން ރާއްޖެތެރެއަށް ދަތުރުކޮށް، އެއްވުމާ ގުޅޭ ކެމްޕެއިން ކުރިއަށް ގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"މިހުރިހާކަމެއްވެސް އަޅުގަނޑުމެންކުރާނީ ސުލްހަވެރިކަމާއެކު، ގާނޫނުތަކާ ގަވާއިދުތަކާއި އެއްގޮތަށް،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީ ޒިންމާވާގޮތަށް ޖޫން 12 ވަަނަ ދުވަހު ބާއްވާ އެއްވުން އިންތިޒާމްކުރަނީ އަދާލަތު ޕަޓީ އާއި އެމްޑީޕީންނެވެ.

އިބޫ ވިދާޅުވީ 27 ފެބުރުއަރީގައި ކަންކަމުގެ ޒިންމާ ނެގީ ޖުމްހޫރީ ޕާޓީން ކަަމަށާއި، މޭ އެއްވަނަ ދުވަހު ބޭއްވި އެއްވުމުގެ ޒިންމާ ނެގީ އަދާލަތު ޕާޓީން ކަމަށެވެ.

ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ކުރީގެ ހިއުމަންރައިޓަސް އެންބެސަޑަރު އަހްމަދު އިބްރާހީމް ދީދީ (ސަންދާނު އަހަންމައިދީ) ވިދާޅުވީ ޖޫން 12 ވަނަ ދުވަހު ބާއްވާ އެއްވުމާ ގުޅޭ ގޮތުން ނަގަންޖެހޭ ހުއްދައެއް ނޯންނާނެ ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އެއްވެ އުޅުމުގެ ހުއްދަ ރައްޔިތުންނަށް ލިބިގެންވާ ކަމަށެވެ.

މީގެކުރިން ބޭއްވި އެއްވުންތަކާ ގުޅިގެން ދައުލަތުގެ ފަރާތުން ވަނީ މުޒާހަރާގެ ބައެއް ބައިވެރިންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ.

އެންމެފަހުން އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ފުލުހުންގެ ސަފުތައް ފޫއަޅުވާލި ޕިކަޕް ޑްރައިވަރުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފިލާފައެވެ.

އެކަމާ ގުޅިގެން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ އެއީ ގާނޫނާ ޚިލާފަށް ކުރި ދައުވާއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޕިކަޕް ޑްރައިވަރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ނުކުރެވޭނެ ކަމަށާއި އެހެންނަމަވެސް ފުލުހުންގެ އަމުރަށްނުކިޔަމަންތެރިވުމުގެ ދައުވާ ކުރެވިދާނެ ކަމަށެވެ.