ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)ގެ މުވައްޒަފުންގެ ސިއްހަތު ރަނގަޅަށް ބެލެހެއްޓުމަށްޓަކައި "އުފެއްދުންތެރި މަސައްކަތަށް ދުޅަހެޔޮ ސިއްހަތު"ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މިއަދު ފެށި ޕްރޮގްރާމަކީ މޯލްޑިވްސް ކެންސާ ސޮސައިޓީއާއި ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގެ އެހީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ.

އެންއައިއީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ އެއްބަސްވުމުގައި އެ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ނައިބު އާދަމް ޝަރީފެވެ. ކެންސާ ސޮސައިޓީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެ ސޮސައިޓީގެ ފައުންޑަރު ހުސައިން ރަޝީދެވެ. އަދި ޑައިބިޓީސް އެސޯސިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ސީއީއޯ އައިޝަތު ޝިރުހާމާ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، ކެންސާ ސޮސައިޓީ އާއި ޑައިބިޓީސް ސޮސައިޓީއާ އެ ދެ އޯގަނައިޒޭޝަން ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމަކީ އެފަރާތްތަކުން ހިލޭ ސާބަހަށް ކޮށްދޭ މަސައްކަތްތަކެއް ކަމަށެވެ.

ދެބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮޮގްރާމްގައި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ދިމާވާ ބަލިތަކާ ބެހޭގޮތުން މައުލޫމާތު ދިނުމާއި ކަސްރަތުގެ ބައި ހިމެނޭނެ ކަމަށް އެންއައިއީ އިން މައުލޫމާތު ދެއެވެ.

އެ ޕްރޮގްރާމްގެ ދަށުން މިއަދު ވަނީ އެންއައިއީގެ މުވައްޒަފުންނަށް ހެލްތު ސްކްރީނިން ޕްރޮގްރާމެއް ފަށައިފައެވެ. އެ ސްކްރީނިން ޕްރޮގްރާމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޑައިބިޓީސް އެސޯސިއޭޝަންގެ ސީއީއޯ ޝިރުހާމާ ވިދާޅުވީ، އެ ސްކްރީނިން ޕްރޮގްރާމްގައި ހަކުރު ބަލި ޖެހިފައިވޭތޯއާއި އެބަލި ޖެހުމުގެ ނިޝަންތައް ފެންނަން ހުރިތޯވެސް ބަލާނެ ކަމަށެވެ. އޭގެ އިތުރުން އެ ސްރީނިން ޕްރޮގްރާމްގައި މުވައްޒަފުންގެ ލޭގެ ޕްރެޝަރާއި އިސްކޮޅާއި ބަރުދަންވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.