20 May 2015, 16:19
ބާސެލޯނާގެ ކެޕްޓަން ޒަވީ ހެނާންޑޭޒް މި ސީޒަނަށް ފަހު ޤަތަރު ލީގުގެ އަލްސާދަށް ބަދަލުވާނެ ކަމަށް އިޢުލާން ކޮށްފި އެވެ.
އަލްސާދްގެ ޓީމާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމުގައި ސޮއި ކުރާނެކަން މާދަމާ ޒަވީ އިޢުލާން ކުރާނެ އެވެ.
ބާސެލޯނާގެ ޓިމުން ކެރިއާ ފެށި ޒަވީ އެ ޓީމްގެ ސީނިއާ ޓީމަށް ކުޅެން ފެށީ 1998 ވަނަ އަހަރުއެވެ. ބާސާގައި 17 އަހަރު ވަންދެން ހޭދަ ކުރި ޒަވީ ވަނީ މިހާތަނަށް ބާސާގެ ޖޯޒީގައި އެޓީމަށް 505 މެޗް ކުޅެފައެވެ.
ސްޕެއިންގެ ޤައުމީ ޓީމާ ބާސެލޯނާގައި ކުޅުނު މެޗްތަކާއެކު ޒަވި ވަނީ މިހާތަނަށް 113 މެޗުން މޮޅުވެފައެވެ.
ސްޕެއިން އިން 2008 ވަނަ އަހަރުގެ ޔޫރޯ އާއި 2010 ވަނަ އަހަރުގެ ވޯލްޑްކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ސްޕެއިންއަށް ކާމިޔަބުކޮށް ދިނުމުގައި ސްޕެއިންގެ މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
ޒަވީ އަލްސާދަށް ބަދަލުވަނީ އާންމުދަނީގެ ގޮތުގައި 10 މިލިއަން ޔޫރޯއަށް (7.2 މިލއަން ޕައުންޑް) އަށް ކަމަށް މިޑިއާގައި ވަނީ ވާހަކަ ދެކެވިފައެވެ. ނަމަވެސް ޒަވީގެ އެޖެންޓް ވަނީ އެކަމާ ކޮމެންޓެއް ކުރަން ބޭނުން ނުވާކަމަށް ހާމަކޮށްފަ އެވެ.
އަލްސާދްއަކީ ބާސެލޯނާގެ މައި ސްޕޮންސާ ކަމުގައިވާ ޤަތަރު ފައުންޑޭޝަނުން ހިންގާ ޓީމެކެވެ.
އަލްސާދަށް ޒަވީ ބަދަލުވާއިރު އޭނާއަކީ ސްޕެއިނަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިންގެ ތެރެއިން އެ ޓީމަށް ބަދަލުވާ ދެ ވަނަ ކުޅުންތެރިޔާ އެވެ.
މީގެ ކުރިން 2011 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމަޔަށް، ސްޕެއިންނާއި ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ރައުލް ގޮންޒާލޭސްވަނި އަލްސާދަށް ކުޅެފަ އެވެ.