ސަރުކާރުން ރާވާފައިވާ އިގުތިސާދީ މަޝްރޫއުތަކުގެ އިތުރުން އައިހެވަން މަޝްރޫއުއަށް ސައުދީ ސަރުކާރުން އަނެއްކާވެސް ދެ މިލިއަން ޑޮލަރު ރާއްޖެއަށް ދީފި އެވެ.

ފިޝަރީޒު މިނިސްޓަރު ޝައިނީ މިއަދު ކުރައްވާފައި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އައިހެވަން މަޝްރޫއުއަށް އެއް މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހަދިޔާކޮށްފައިވާއިރު ރައީސް ޔާމީންގެ ސަރުކާރުން ރާވާފައިވާ އެހެނިހެން އިގުތިސާދީ މަޝްރޫއުތަކަށް އެއް މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ދީފައިވާ ކަމަށެވެ.

ދެ މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ރާއްޖެއަށް ދީފައިވާއިރު ހަމަ މި މަސް ތެރޭގައި 20 މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ވަނީ ރާއްޖެއަށް ދީފައި އެވެ. އެ ފައިސާ އަކީ ރައީސް ޔާމީން މިދިޔަ މާޗު މަސް ތެރޭ ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ބަޖެޓު ސަޕޯޓެއްގެ ގޮތުގައި ދިނުމަށް އެއްބަސްވި ފައިސާ އެވެ.

މިދިޔަ މާޗް މަހު ފަހުކޮޅު ރައީސް ސައުދީ އަށް ކުރެއްވި އެ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރާއްޖެ އަށް ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތައުލީމާއި ސިއްހަތާއި އަސްކަރީ އަދި އިސްލާމިކް އެފެއާޒް ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުމަށް ސައުދީ ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެ އަށް ބޭނުންވާ އިންވެސްޓްމެންޓާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ދަތުރުގައި "ވަރަށް ބިނާކުރަނިވި" ކަންތައްތަކެއް ނިމިގެން ދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

ސައުދީ ސަރުކާރުން ވަނީ ރާއްޖެ އަށް މަތީ ތައުލީމުގެ 150 ފުރުސަތެއް ދީފަ އެވެ. އޭގެ އިތުރުން ރާއްޖެ އަށް އިތުރު 1000 ހައްޖުކޯޓާ ދީފައިވާ އިރު ރާއްޖޭގައި އިންވެސްޓުކުރަން ވަނީ އެ ދަތުރުފުޅުގައި މަޝްވަރާކޮށްފަ އެވެ.