ބ. ކެންދޫ ބަނދަރުގައި އަޅާފައިވާ އުޅަދުތަކެއް އަންދާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ އެ އަތޮޅު މާޅޮހު މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ކެންދޫ، މޯނިން ހައުސް، އަބްދުއްސަލާމް ޔޫސުފް،41 މާޅޮހު ކޯޓުން ދޫކޮށްލި މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ހިޝާމް ވަޖީހު މިއަދު 'ސަން' އަށް ވިދާޅުވީ މާޅޮހު ކޯޓުން ސަލާމް ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅާފައިވާ ކަމަށެވެ.

ކެންދޫ ބަނދަރުގައި އޮތް ފައިބަރު ދެ މަސް ދޯންޏާއި ލޯންޗެއްގައި ރޯކޮށްލާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ.

އަންދައިލި ތިން އުޅަނދުގެ އަގު ޖުމްލަ 4.3 މިލިޔަން ރުފިޔާއަށް އަރާނެ ކަމަށް އޮޑިވެރިން ބުނެފައިވެ އެވެ. ހުޅުޖެހުމުން އަނދައި ހުލިވި ފައިބަރު ދޯންޏަށް ލިބުނު ގެއްލުން 2.5 މިލިޔަން ރުފިޔާއަށް އަރާއިރު، 45 ފޫޓްގެ ދޯންޏަށް ލިބުނު ގެއްލުން 780000 އަރަ އެވެ. އަދި ފައިބަގްލާސް ލޯންޗަށް ލިބުނު ގެއްލުން އެއް މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެ ލޯންޗުގެ ވެރިފަރާތުން ވަނީ ބުނެފަ އެވެ.