20 May 2015, 14:52
ފާއިތުވި އަހަރަކީ ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ފުލުހުންނަށް ގިނަ މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހި ރާއްޖޭގައި އިންސާނީ ވަގުފާރި ހުއްޓުވުމުގެ މަސައްކަތަށް އަމާޒުކޮށް އެންޓި ހިއުމަންޓްރެފިކިންގް އެކްޝަން ޕްލޭން އިފްތިތާޙު ކުރުމަށް މިއަދު ހެނދުނު ސިޓްރަން ރެސްޓޯރަންޓުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ އިންސާނީ ވަގުފާރީގެ މައްސަލަތައް ބަލައި ތަޙުގީގު ކުރުމުގެ މަސައްކަތް ފުލުހުންގެ މުއައްސަސާ އިން ފުޅާކޮށް އެކަމަށް ބޭނުންވާ މީހުން ތަމްރީނު ކުރަން ފަށާފައިވާ ކަމަށެވެ.
އިންސާނީ ވަގުފާރިއާ ގުޅޭ ތަފާތު އަށް މައްސަލައެއް މިހާތަނަށް ތަޙުގީގު ކުރެވި އަދި އޭގެތެރެއިން ބައެއް މައްސަލައެއްގެ ތަޙުގީގު ނިންމައި ދަޢުވާ ކުރަން ފޮނުވާފައިވާ ކަމަށް ސީޕީގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އެފަދަ ބައެއް މައްސަލަތަކާ ގުޅިގެން ބިދޭސީން ޑީޕޯޓް ކުރެވި ދިވެހިންގެ ތެރެއިން އެކަންކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެމީހުންގެ މައްޗަށް ދަޢުވާ އުފުލިފައިވާކަން ވެސް ކޮމިޝަނަރު އޮފް ޕޮލިސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައި އެވެ.
"އެކްޝަން ޕްލޭނެއް ލޯންޗު ކުރާ ވަގުތު އަޅުގަނޑުމެން އެންމެންގެ ވެސް އުއްމީދަކަށް ވާނީ އޭގައިވާ ކަންތައްތައް ހާސިލުވެގެން ގޮސް އަޅުގަނޑުމެންނަށް. އަޅުގަނޑުމެން މިހާރު ހުރި ހިސާބުން މިއަށް ވުރެ ރަނގަޅު ހިސާބަކަށް ދުނިޔޭގެ ލެވެލްގައި ވެސް ފައިތިލަ ސާބިތު ކުރުމުގައި ނަސީބު މިންވަރު ކުރުން. މި އެކްޝަން ޕްލޭންގައި ހުރި ކަންކަން އަޅުގަނޑުމެންނަށް ހާސިލު ކުރެވެއްޖިއްޔާ އަޅުގަނޑުމެން ވާނެ އަޅުގަނޑުމެންގެ ރާއްޖެއަކީ މިފަދަ މަސައްކަތްތަކުގެ ތެރޭގައި ނުވަތަ ވަރަށް ފަސޭހަކަމާ އެކު އަރައިގަނެވިގެން ގޮސްދާނެ ގޮތަށް އޮތް ތަނެއްގެ ގޮތުގައި،" ސީޕީ ވަހީދު ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ރާއްޖޭގައި ގިނަ ޢަދަދަކަށް ބިދޭސީން ގަވާޢިދާ ޚިލާފަށް އުޅެ ތަފާތު އެކި ކަހަލަ މައްސަލަތައް ކުރިމަތިވަމުން އަންނަ ދުވަސްވަރެއްގައި އެންޓި ހިއުމަން ޓްރެފިކިންގް އަށް ޚާއްޞަ ސަމާލުކަމެއް ދީގެން މަސައްކަތްތަކެއް ކުރެވެމުން ދާކަމަށެވެ. އަދި އެކަމުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ހިއުމަން ޓްރެފިކިންގެ ނުބައި އަމަލަށް ރާއްޖެ އިން ޖާގައެއް ނުދެއްވާނެ ކަމަށެވެ. ދުންޔާ ވިދާޅުވީ މީހުން ޓްރެފިކު ކުރުމަށް ހުޅުވިފައި ހުރި ހުރިހާ ދޮރެއް މި ސަރުކާރުން ބަންދު ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ލޯންޗު ކުރި އެކްޝަން ޕްލޭންގެ ސަބަބުން ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ.