20 May 2015, 14:23
ހިއުމަން ޓްރެފިކިންގެ ނުބައި އަމަލަށް ރާއްޖެ އިން ޖާގައެއް ނުދެއްވާނެ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ހިއުމަން ޓްރެފިކިންގެ މައްސަލަތައް ހައްލުކުރަން ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން އެކުލަވާލި އެކްޝަން ޕްލޭން ލޯންޗު ކުރުމަށް ސިޓްރަން ރެސްޓޯރެންޓްގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ދުންޔާ ވިދާޅުވީ މީހުން ޓްރެފިކު ކުރުމަށް ހުޅުވިފައި ހުރި ހުރިހާ ދޮރެއް މި ސަރުކާރުން ބަންދު ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ލޯންޗު ކުރި އެކްޝަން ޕުލޭންގެ ސަބަބުން ހިއުމަން ޓްރެފިކިންގެ މައްސަލަތަކަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ރޭވުންތެރިކަމާ އެކު ކުރިއަށް ގެންގޮސް ނަތީޖާ ނެރެވޭނެ ކަމަށެވެ.
"އަދި މީގެ އިތުރުން އެންޓި ހިއުމަން ޓްރެފިކިން ސުޓިއަރިން ކޮމިޓީ އެކުލަވާލައި އެ ކޮމިޓީގެ މަސައްކަތްތައް ބާރަށް ހިނގުމަށް ރައީސް ޔާމީން އަންނަނީ ބާރު އަޅުއްވަމުން. މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމަކީ ސަރުކާރުން އަބަދުވެސް އިސްކަމެއް ދީގެން ކުރަމުން ގެންދާނެ މަސައްކަތެއް. އޭގެ ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން. އަދި މި އެކްޝަން ޕްލޭންގެ ދަށުން ވަރަށް ގިނަ ކަންތައްތައް ތަންފީޒު ވެގެންދާނެ. މިކަމުގައި ސަރުކާރުގެ އަޒުމު ވަރަށް ވަރުގަދަ،" ދުންޔާ ވިދާޅުވި އެވެ.
އެއްވެސް މީހަކު ލައްވައި އެހެން މީހެއްގެ އިންސާނިއްޔަތު ކަމުގެ ޝަރަފާއި ކަރާމާތް ގެއްލޭ އެއްވެސް ކަމެއް ކުރުމަކީ ރާއްޖޭގެ އެއްވެސް ރައްޔިތަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ އެކަމަކީ ދިވެހިންގެ ވިސްނުމަށް ގެންނަން ޖެހޭ ބަދަލެއް ކަމަށާއި އެ ބަދަލު ނުގެނެސްފި ނަމަ ދިވެހިންގެ ވަޒީފާތަކަށް ދިވެހިން ތައްޔާރުކޮށްގެން ނޫނީ މީހުން ޓްރެފިކު ކުރުން ނުހުއްޓުވޭނެ ކަމަށެވެ.
"މިދެންނެވި ފަދަ ބަދަލުތައް ގެނެސް ގާނޫނަށް މީހުން އަހުލުވެރި ކުރުވާ ގާނޫނުގައި އެކުލެވިގެންވާ ރޫހު އަޅުގަނޑުމެންގެ ތެރޭގައި އަށެގެންނުވުމަކީ މި އެކްޝަން ޕްލޭންގެ ދަށުން ކުރެވޭނެ މަސައްކަތެއް. މިފަދަ ބޮޑެތި މަސައްކަތް ކުރުމުގައި އެކުވެރި ގައުމުތަކުންނާ އެކުވެރި ޖަމިއްޔާތަކުން ފަންނީ އެހީއާ ލަފާ ހޯދުމަށް ފޮރިން މިނިސްޓްރީން އަބަދު ވެސް ދަނީ މަސައްކަތް ކުރައްވަމުން." މިނިސްޓަރު ދުންޔާ ވިދާޅުވި އެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަކީ ރައީސް ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމަށް ވަޑައިގެން ތަސްދީގު ކުރެއްވި ފުރަތަމަ ގާނޫނެވެ.
މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަކީ، ދިވެހި ރާއްޖޭގައި ނުވަތަ ދިވެހި ރާއްޖެ މެދުވެރިކޮށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށް ޓަކައި ޓްރެފިކް ކުރުމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި ޓްރެފިކް ކުރުމުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި އެނޫން ވެސް ކަމާގުޅޭ އުޞޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.