20 May 2015, 13:51
މި މަހު 24 ވަނަ ދުވަހު ފެށުމަސް ހަމަޖެހިފައިވާ އަންހެން ޑިވިޝަން ފުޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ސަން ހޮޓެލްސް އެންޑް ރިސޯޓްސް ޓީމުން ޕާކިސްތާންގެ ޤައުމީ ޓީމްގެ ދެ ކުޅުންތެރިން ގެނެސްފި އެވެ.
އެގޮތުން ޕާކިސްތާންގެ ޤައުމީ ޓީމްގެ ކެޕްޓަން ހާޖަރާ ޚާން ވަނީ މިފަހަރު ވެސް ސަންގެ ޓީމާ ގުޅިފަ އެވެ.
ޙަޖަރާ ހާންއަކީ މިދިޔަ އަހަރު ވެސް ސަންގެ ޓީމްގައި މޮޅު ކުޅުމެއް ކުޅެފަ އެވެ.
ޕާކިސްތާނުން ދެން ގެނެސްފައި ވަނީ ޕާކިސްތާންގެ ބޮލޮޗިސްޓާން ޔުނައިޓަޑަށް ކުޅޭ ފޯވަޑެއް ކަމުގައިވާ ޝަލީލާ ބޮލޮޗް އެވެ.
އިއްޔެ ސަން ޓީމަށް ކުޅުމަށް ޖަރުމަންގެ ދެ ކުޅުންތެރިޔަކު ވެސް ވަނީ މަލެ އައިސްފަ އެވެ. އަދި ރޭ ބޭއްވި ފަރިތަކުރުންތަކުގައި ވެސް މިދެކުޅުންތެރިން ވަނި ބައިވެރިވެފަ އެވެ.
މިއަދު ހެނދުނު ވަނީ ސަން ޓީމްގެ ޖާޒީ ހަވާލު ކުރުމަށް ސިލެކްސް ޓީމްގެ ޖޯޒީ ހަވާލު ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ. އެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކޮށް ދެއްވީ ސަން ޓްރެވަލްގެ ޗީފް އެގްޒެކެޓިވް އަޙްމަދު ޝާކިރުއެވެ.
ސަން ހޮޓެލްސްގެ ޓީމްގެ ކޯޗެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކުރީ މަޝްހޫރު ކުޅުންތެރިޔާ އަދި ނިއުރޭޑިއނަތްގެ ކުރީގެ އެސިސްޓެންޓް ކޯޗް އިސްމާޢީލް އަނިލް އެވެ.
ސަން ޓީމަކީ 2013 ވަނަ އަހަރު ބޭއްވި ފުރަތަމަ އަންހެން ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއަން ޓީމެވެ.