20 May 2015, 13:33
އިދިކޮޅު ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާ ކުރުމަށް ދެ ވަނަ ފަހަރަށް ގޮވާލި އިރު އެކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް އޮތްތޯ ސުވާލު ކުރުމުގެ ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް ކައުންސިލަރުންތަކެއް ސޮއިކުރުމަށް މިއަދު ހެނދުނު މުލިއާގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަޝްވަރާކޮށް ހައްލު ހޯދަން ބޭނުން ވަނީ ކޮން ކަމަކާތޯ ސަރުކާރުން ބަލަން ބޭނުންވާ ކަމަށެވެ. ރައީސް ވިދާޅުވީ އެކަންތައްތައް އެނގުމުން އިހުލާސްތެރިކަން އޮތް ބައެއް ރައްޔިތުންނަށް ވެސް ހާމަވެގެންދާނެ ކަމަށެވެ.
"އޭގެކުރިން މަޝްވަރާއަށް ވަޑައިނުގަންނަވަން ބަހަނާއެއް ދައްކަވާފައި މި ކަންކަން ކުރެއްވުމަކީ އެއްވެސް ބަޔަކަށް ފައިދާ ހުރި ކަމެއް ނޫން. މިި އުޅެނީ ވަކި ޕާޓީއެއްގެ ވަކި މީހެއްގެ މަސްލަހަތެއް ނޫން. މިއުޅެނީ ދިވެހިރާއްޖޭގެ އާބާދީގެ ބޮޑު އަގުލައްބިއްޔަތަކަށް ކަންތައްތައް ކުރުމަށް. އެހެންވީމަ ބޮޑު އަގުލައްބިއްޔަތަކަށް ކަންތައްތަކެއް ކުރާ ކަމަށް ވަންޏާ ދިވެހި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން މަޝްވަރާ ކުރެވެންވާނެ. އެކަންކަމުގައި ސަރުކާރާއެކު މަޝްވަރާ ކުރެވެން ވާނެ،" ރައީސް ވިދާޅުވި އެވެ.
ޕީޕީއެމަށް ކައުންސިލަރުންތަކެއް ސޮއިކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ރައީސް ވިދާޅުވީ އެކަން އެގޮތަށް ކުރުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރަށް ތިއްބެވިނަމަ ސަރުކާރުން އޮތީ "އީޖާބީ ގޮތެއްގައި" އެކަންތައްތައް ބަލައިގަންނަ ގޮތަށް ކަމަށެވެ. ރައީސް ވިދާޅުވީ މަޝްވަރާ ކުރުމަށް ބޭނުންވާ ކަންތައްތަކަށް ސަރުކާރުން އިޖާބަ ދޭ ވަރެއް އެނގިލައްވާނީ ވެސް މަޝްވަރާގެ މޭޒަށް އައިސް މަޝްވަރާ ކުރަން ބޭނުންވާ މައްސަލަތައް ހުށަހެޅުއްވުމުން ކަމަށެވެ.
"އޭގެ ކުރިން އެކި ކަހަލަ ވާހަކަދެއްކުމަކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ފައިދާއަށް ނޫނީ ރައްޔިތުންގެ މަސްލަހަތައް ކަންކަން ކުރިއަށް ގެންދިއުމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންގެ ސަރުކާރު ބޭނުން ވަނީ ހަގީގަތުގައި ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތަކެއް ކުރިއަށް ގެންދާށާއި ރައްޔިތުންނަށް އުފާފާގަތިތަކެއް ގެންދަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމަށް ކައުންސިލަރުންތަކެއް ސޮއިކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ގައުމުގައި ހުރި މައްސަލަތަކަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ކަމަށް ރައީސް ޔާމީންގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ކުށެއް ކުރި މީހަކަށް އަދަބު ދިނުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކެއް ނޫން ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމު ފުރިހަމަ ގޮތެއްގައި ގަބޫލު ކުރާ ނަމަ އެފަދަ ވާހަކަތަކެއް ނުދައްކަވާނެ ކަމަށެވެ.
"ލިބޭ އަދަބަކީ ފަހަރުގައި ވެދާނެ ބޭއިންސާފު އަދަބެއް ކަމަށް. އެހެންކަމަށް ވަންޏާ އެކަން ހައްލު ކުރެވޭނެ ހަމައެކަނި ގޮތަކީ ހަމަ އިސްތިއުނާފުގެ މަރުހަލާތައް ހިޔާރުކުރުން. އޭގައި ސީދާ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަ މީހަކަށް ކޮށްދެވޭނެ ކަމެއް ނޯންނާނެ. ރައީސަށް އެކަމުގައި ކަމެއް ކޮށްދެވެން މަރުހަލާ ފެށޭ ހިސާބަކީ އިސްތިއުނާފުގެ މަރުހަލާ ނިމޭ ހިސާބު،" ރައީސް ޔާމީން ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހދ. ނައިވަދޫ ކައުންސިލަރެއްގެ ގޮތުގައި ހުންނެވި އަދާލަތު ޕާޓީގެ މެމްބަރު މުހައްމަދު ޝަފީގު އާދަމްއާ ރ. ދުވާފަރު ކައުންސިލަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ މެމްބަރު ރިޒުނާ އަހުމަދުގެ އިތުރުން ކ. ގާފަރު ކައުންސިލަރެއްގެ ގޮތުގައި ހުންނެވި ޖުމްހޫރީ ޕާޓީގެ މެމްބަރު މުބައްޝިރު ޖަލީލު ވެސް ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފައި އެވެ.
ޕީޕީއެމަށް ކައުންސިލަރުންތަކެއް ސޮއިކުރުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ގާފަރު ކައުންސިލަކީ ކުރިން އެމްޑީޕީ މެޖޯރިޓީ އޮތް ކައުންސިލެކެވެ. ނަމަވެސް މިއަދު އެ ކައުންސިލްގެ މެޖޯރިޓީ ވަނީ ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް ލިބިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ ކޮންޓޯރާގެެ މަގާމުގައި މިހާރު ހުންނެވި މުހައްމަދު އަންވަރު ވެސް ވަނީ ޕީޕީއެމަށް ސޮއި ކުރައްވާފަ އެވެ.