13 Apr 2010, 09:57
10:00
ލާމަރުކަޒީ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިސްލާހު ގެންނައިރު، އިދިކޮޅު ފަރާތްތަކުން ޕްރޮވިސްތައް އުނިކޮށްފިނަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށްދާނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވީ ލާމަރުކަޒީ އުސޫލުން އިދާރީދާއިރާތައް ތަރައްގީ ކުރާއިރު ޕްރޮވިސްތަކަށް ބަހައިލުމަށް މަޖިލީހުން ފާސްނުކޮށްފިނަ، ދެން ސީދާ ދާނީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ ވޯޓަކަށް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ޕްރޮވިންސް ހަދަން ދެކޮޅު ހެދިޔަސް މިހާރިވެސް އަތޮޅުތައް އެއްކޮށްލައިގެން ލާމަރުކަޒީ އުސޫލުން ޕްރޮވިންސްތައް ހިންގަމުންދާ ކަމަށްވެސް މޫސަ ވިދާޅުވި އެވެ. އަދި އެ ޕްރޮވިންސްތައް ހެދުމުގެ ސަބަބުން އަތޮޅުތައް ތަރައްގީވެގެން ދާލެއް އަވަސް ކަމުން އިދިކޮޅު ފަރާތްތަކުން ބޭނުވަނީ ސަރުކާރުގެ އެފަދަ ވައުދުތަކަށް ހުރަސް އެޅުމަށް ކަމަށް މޫސަ ތުހުމަތު ކުރެއްވި އެވެ.
މޫސަ ވިދާޅުވީ ލާމަރުކަޒީ ބިލް މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ވަނިކޮށް އެ ބިލުން ޕްރޮވިންސްތައް އުނިކުރުމީ އެ ކޮމެޓީން ކޮށްގެންވާނެ ކަމެން ނޫން ކަމަށެވެ. އަދި އެ އިސްލާހު ގެނެވޭނީ މަޖިލީހުގެ ތަޅުމަށް އައުމަށް ކަމަށް މޫސަ ވިދާޅުވި އެވެ.