20 May 2015, 12:55
އައްޑޫ ސިޓީ އާއި ފުވައްމުލަކުގައި އެމްވީކޭ އިން ދެމުން ގެންދިޔަ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް މިފްކޯއާ ހަވާލުކޮށްފި އެވެ.
މިފްކޯގެ މެނޭޖަރު މުހައްމަދު ޝަމީމް މިއަދު ސަން އަށް ވިދާޅުވީ ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް މިފްކޯއާ ހަވާލު ކުރީ ޓްރާންސްޕޯޓް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ކަމަށެވެ.
މިފްކޯ އިން މިހާރު ވެސް އަންނަނީ ގއ. ގދ. ގައި ފެރީގެ ހިދުމަތް ދެމުންނެވެ.
ޝަމީމް ވިދާޅުވީ އެ މަސައްކަތް މިއަދު މިފްކޯއާ ހަވާލު ކުރި ނަމަވެސް ރަސްމީކޮށް ބަހުގެ ހިދުމަތާއި ފެރީގެ ހިދުމަތް އައްޑުއާއި ފުވައްމުލަކުގައި ފަށައިގަނެ ވޭނީ އަންނަ ހަފްތާގައި ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ އިން ބުނެފައި ވަނީ އެމްވީކޭ އިން އައްޑު އާއި ފުވައްމުލަކާ ދެމެދު ކުރަމުން ގެންދިޔަ ފެރީގެ ދަތުރުތައް ހުއްޓިފައި އޮންނަތާ މިހާރު އަހަރެއް ވެއްޖެ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ކެނޑިނޭޅި ލިބެމުންދާ އިރު، އައްޑޫ ގަމުގައި ދެމުން ދިޔަ ބަހުގެ ދަތުރުތައް ވެސް މެދުކެނޑެމުން އައިސް މިހާރު އެ ހިދުމަތް އެއްގޮތަކަށް ވެސް ނުދޭ ކަމަށެވެ.
އައްޑޫ ސިޓީގައި ދެމުންގެންދާ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާ ގޮތަކަށް ހިނގަމުން ނުދާ މައްސަލާގައި އެމްވީކޭ ވަނީ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އަށް މީގެ ކުރިން ހާޒިރު ވެސް ކޮށްފަ އެވެ.