އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހަރު އޭޝިއާގެ ތިން ޤައުމަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެކުނު ކޮރެއާއެކު ވެސް އެއްބަސްވުންތަކެއް ޤާއިމްކޮށްފި އެވެ.

އެގޮތުން އިއްޔެ ވަނީ ދެ ޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއި ބެހޭ ހަތް އެގްރިމެންޓެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ދިފާއީ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވެސް އެއްބަސްވުމެއް ހިމެނެ އެވެ.

އިއްޔެ މޯދީ ވަނީ ދެކުނުކޮރެއާގެ ރިޔާސީ ގަނޑުވަރުގައި އެ ޤައުމުގެ ރައީސާ ޕާކް ޖީއެން ހައެއާ ބައްދަލު ކުރައްވައި ދެ ޤައުމު ދެޤައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބާއްވާފަ އެވެ.

މަޝްވަރާތަކަށް ފަހު ދެ ލީޑަރުން އެކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯދީ ވިދާޅުވީ އިންޑިއާ އިން އޭޝިއާގެ އެންމެ މުހިންމު ދެ ޤައުމާއެކު ގުޅުން ޤާއިމް ކުރެވިއްޖެ ކަމަށާއި ދެކުނު ކޮރެއާއެކު ވެވުނު އެއްބަސްވުމުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މަރުހަލާ އެހެން ހާލަތަކަށް ގެންދެވިޖެ ކަމަށެވެ.

"އަޅުގަނޑުމެންގެ ގުޅުން ފެށެނީ ހަރުދަނާ އިގްތިސޯދީ ބިންގަލަކުން. ނަމަވެސް މިހާރު ވަނި އެގުޅުން ހަރުދަނާ އިސްތިރާޖީ އުސޫލްތަކެއް ހިމެނޭ ގުޅުމަކަށް ވެފައި،" މޯދީ ވިދާޅުވިއެވެ.

ޕާކް ޖީއެން ވިދާޅުވީ އިންޑިއާގެ ބޮޑު ވަޒީރާކު ބޭއްވި މަޝްވަރާތަކުން ދެކުނު ކޮރެއާ އާއި އިންޑިއާ ދެމެދު ތަފާތު ދާއިރާތަކުން އައު ގުޅުންތަކެއް ޤާއިމް ކުރެވިއްޖެ ކަމަށެވެ.

"ބޮޑު ވަޒީރު މޯދީ އާއި އަޅުގަނޑު ވާނީ ދެޤައުމުގެ ދެމެދުގައި ގިނަ ދާއިރާތަކުން އާ ގުޅުންތަކެއް ޤާއިމްކުރުމަށް އެއްބަސްވެފައި. ފަސް އަހަރުފަހުން ދެޤައުމުގެ ދެމެދުގައި އިޤްތިސޯދީ ގޮތުން އިސްތިރާޖީ ފުޅާ ގުޅުމެއް ވަނި ޤާއިމު ވެފައި،" ޕާކް ޖީއެން ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި އޭޝިއާގެ ތިން ޤައުމަށް ފެއްޓެވި ދަތުރުފުޅުގައި ދެކުނު ކޮރެއާއަށް ވަޑައިގަތުމުގެ މޯދީ ވަނީ ޗައިނާއަށާއި މޮންގޯލިއާއަށް ވަޑައިގެންފަ އެވެ.

ޗައިނާއާއެކު ވަނީ 22 ބިލިއަން ޑޮލަރުގެ އަގުހުރި އެއްބަސްވުންތަކެއް ޤާއިމްކޮށްފަ އެވެ.